ސިއްހަތު

ކާޑިއަކް ސެންޓަރު ދުނިޔޭގެ ފެންވަރުގައި


ވޭތުވެދިޔަ އަށާރަ މަސްދުވަހުގެތެރޭގައި ހިތުގެ އެކި މައްސަލަތަކަށް ފަރުވާ ހޯދަން އަވައްޓެރި ބައެއް ޤައުމުތަކަށް ދިޔަ ސަތޭކައަށްވުރެ ގިނަ ދިވެހިން، ރާއްޖޭގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ފަރުވާހޯދުމަށް ބޭރުގެ ހޮސްޕިޓަލްތަކުން ރިފަރކޮށްފައިވާކަމަށް ނޭޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ)އިން ބުނެފިއެވެ. 

އެންސީސީ އުފެއްދިފަހުން، ހިތުގެ އެކި މައްސަލަތަކުގައި ފަރުވާ ހޯދުމަށް ޤައުމުން ބޭރަށްދާ ދިވެހިންގެ ޢަދަދު ދަނީ މަދުވަމުންކަން އެންސީސީން ބުނެއެވެ.

އައިޖީއެމްއެޗްގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކާޑިއެކް ސެންޓަރު (އެންސީސީ) އަށް 18 މަސްދުވަސް ވީއިރު އެސެންޓަރު ހިމެނެނީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތްދޭ ސެންޓަރުތަކުގެ ލިސްޓުގައެވެ. ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް 2016 ވަނަ އަހަރު ހުޅުއްވައިދެއްވި އެން.ސީ.ސީގެ ޚިދުމަތް ހޯދަމުންދާ ދިވެހިންގެ ޢަދަދުދަނީ އިތުރުވަމުންނެވެ. ފާއިތުވި 18 މަސްދުވަހުގެ ތެރޭގައި 8000 އަށް ވުރެ ގިނަ މީހުން އެންސީސީއިން ޚިދުމަތް ހޯދާފައިވާކަމަށް އައިޖީއެމްއެޗްގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

އަދި ހިތުގެ އެތެރެއަށް ކެމެރާ ލައްވައިގެން ހިތުގެ ނާރެއްގައި ލޭ ގަނޑުވެފައި ހުރިތޯ ބެލުމަށް ހަދާ ޓެސްޓެއްކަމަށްވާ އެންޖީއޯގްރާމްގެ ޚިދުމަތް ބާރަހާހަށްވުރެ ގިނަ މީހުން ވަނީ ހޯދާފައެވެ. އަދި ހިތުގެ ލޭހޮޅިތަކުގައި، ތަފާތު ސަބަބުތަކާހެދި އުފެދޭ ބްލަޑް ކްލޮޓް ނުވަތަ ގަނޑުވާ ލޭ ނެގުމަށް ޚާއްސަ ފުއްޕާހަމެއް ބޭނުންކޮށްގެން ބްލޮކް ހުޅުވާލުމަށް ހަދާ އެންޖީއޯޕްލާސްޓީ 900 އެއްހައި މީހުން ހަދާފައިވެއެވެ. މީގެ އިތުރުން ފަރުވާހޯދުމަށް ޤައުމުން ބޭރަށް ގޮސްފައިވާ ސަތޭކައެއްހައި ދިވެހިންނަށް ބޭނުންވާ އެކަށީގެންވާ ފަރުވާ އެޤައުމުތަކުން ދެވެން ނެތުމުން އެންސީސީއަށް ދެއްކުމަށް ރިފަރކޮށްފައިވާކަމަށްވެސް އެންސީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

އެންސީސީގައި މިވަގުތު ޚިދުމަތުގައި ދިވެހި 4 ކާޑިއޮލޮޖިސްޓުން މަސައްކަތްކުރެއެވެ. އޭގެތެރޭގައި ކުޑަކުދިންގެ ޚާއްސަ ޕީޑިއެޓްރިކް ކާޑިއޮލޮޖިސްޓެއްވެސް މަސައްކަތްކުރެއެވެ. ދިވެހި ޑޮކްޓަރުންގެ އިތުރުން ބޭރުގެ ތަޖްރިބާކާރު 3 ޑޮކްޓަރަކު އެންސީސީގައި ޚިދުމަތްދެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ޑޮކްޓަރުންނާއި އިޓަލީގެ ތަޖްރިބާކާރު ޑޮކްޓަރެއްވެސް އެންސީސީގެ ޓީމްގައި ހިމެނެއެވެ. ނޭޝަނަލް ކާޑިއެކް ސެންޓަރގެ ޑިޕާޓްމަންޓް ހެޑް ޑރ.އަލީ ޝަފީގް ވިދާޅުވީ ރާއްޖޭގައި ޢާއްމުވަމުން އަންނަ ހިތުގެ ބަލިތަކަށް ފަރުވާ ދޭ ސެންޓަރެއް ޤާއިމްކޮށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއްކަމަށެވެ. 

އިޓަލީގެ ކާޑިއޮލޮޖީ ދާއިރާގައި މީހުން ބިނާކުރައްވަމުންގެންދަވާ އަދި ރާއްޖޭގައި ކުރާ ބޮޑެތި އަދި އުނދަގޫ ޕްރޮސީޖާރތައް ކުރިއަށްގެންދަވާ ޚާއްސަ ކޮންސަލްޓަންޓް ޑރ.ޢިމާދް ޝައިބާން ވިދާޅުވީ މީގެ އަށާރަމަސްކުރިން ރާއްޖޭގެ އެއްވެސް ތަނަކުން ލިބެންނެތް ޚިދުމަތްތަކެއް މިހާރު ދުނިޔޭގެ ފެންވަރުގައި އެންސީސީން ލިބެންހުރުމަކީ މުޅިދުނިޔެއަށް ނަމޫނާއެއްކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޤައުމަކަށްވުމުން ދިވެހިންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް ދަނީ އެންސީސީން ޚިދުމަތް ހޯދަމުންނެވެ. ދިވެހިން ފަދައިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އެންސީސީގެ މަޤުބޫލުކަން ދަނީ އިތުރުވަމުންނެވެ. އެގޮތުން އެންސީސީން ޚިދުމަތްހޯދާފައިވާ އެކި ޤައުމުތަކުގެ މީހުންވަނީ އެމީހުންގެ ތަޖުރިބާ ޕީއެސްއެމްނިއުސްއާ ހިއްސާކޮށްފައެވެ.

އެންސީސީގެ ޚިދުމަތްތައް ހޯދާފައިވާ ޑިޕްލޮމެޓުންނާއި ޑޮކްޓަރުންގެ ޢާއިލާގެ މީހުންނާއި ބޮޑެތި ވިޔަފާރިވެރިންވަނީ އެންސީސީސގެ ފަރުވާ އަވަސްމަކާއި ރައްކާތެރިކަން ޔަގީންކުރުމަށްކުރާ މަސައްކަތްތައް ފާހަގަކޮށްފައެވެ. އެންސީސީން ޚިދުމަތް ހޯދާފައިވާ މީހުންގެ ތެރޭގައި އެމެރިކާ، ރަޝިއާ، ޖަރމަނީ، ސްވިޑްން އިންޑިއާ ބަންގްލަދޭޝް ހިމެނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލާއެކު އެނސީސީގެ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އެޑިޕާޓްމަންޓުން ބުނެއެވެ.