ޚަބަރު

އެޗްސީއެފްސީ ބޭނުންކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ


މަސްފިނި ކުރުމަށް ބޭނުންކުރާ ނިޒާމުގެ ބާވަތްތަކަކީ ތިމާވެއްޓާއި ރައްޓެހި ތަކެއްޗަށް ހެދުމަށް މިނިސްޓްރީ އޮފް އެންވައިރޮންމަންޓް އެންޑް އެނަރޖީއާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމެޕެނީ މިފްކޯއިން އެއްބަސްވެއްޖެއެވެ. މި އެއްބަސް ވުމުގެދަށުން މަސްފިނިކުރާ ނިޒާމުގައި މިހާރު ބޭނުންކުރާ ތަމާވެއްޓަށް ގެއްލުންދޭ މާއްދާއެއްކަމަށްވާ އެޗްސީއެފްސީ ބޭނުން ކުރުން ހުއްޓާލާނެއެވެ. އޭގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ވަސީލަތްތައް ބޭނުން ކުރަންވަނީ ނިންމާފައެވެ.



އެންވައިރޮންމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެންވައިރޮންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވައިރޮންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދުއެވެ. އަދި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒޖެޓިވް އޮފިސަރ އަދްލީ އިސްމާޢިލްއެވެ.

މި މަސައްކަތަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާއެއްކަމަށްވާ "މޮންޓްރިއަލް ޕްރޮޓޮކޯލް"ގެ ދަށުން އެޗްސީއެފްސީ ބޭނުން ކުރުން ހުއްޓާލުމަށް ޤައުމީ ފެންވަރުގައި ކުރުމަށް ކަނޑައަލަފާއިވާ މަސައްކަތުގެދަށުން ކުރާ ކަމެެކެވެ. މި އެއްބަސްވުމުގެ ދަށުން މަސް ފިނިކުރުމަށް ބޭނުންކުރާ އެޗްސީއެފްސީ ބޭނުންކުރާ ވަސީލަތްތަކުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ވަސީލަތްތައް ގަންނަން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މި މަސައްކަތް ކުރުމަށް 2.4 މިލިއަނަށްވުރެ ގިިނަ ރުފިޔާގެ މާލީ އެހީ މިފްކޯއަށް ދިނުމަށްވަނީ އެއްބަސްވެފައެވެ.



އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެންވައިރޮންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދު ވިދާޅުވީ ތިމާވެއްޓާއި ގުޅުންހުރި ކަންކަމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އަދި މިފްކޯގެ ޗީފް އެގްޒޖެޓިވް އޮފިސަރ އަދްލީ އިސްމާޢިލް ވިދާޅުވީ މި މަޝްރޫޢޫގެ ސަބަބުން ތިމާވެއްޓާއި ރައްޓެހި ވަށާޖެހޭ މަސްވެރިކަމެއް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. މިއީ ޔޫއެންޑީޕީގެ ހިލޭ އެހީގެދަށުން ކުރިއަށްގެންދާ މަޝްރޫޢުއެެކެވެ.