ޚަބަރު

ވީއައިއޭގައި ރެކޯޑް އަދަދަކަށް މަތިންދާބޯޓު ޖައްސައިފި


ވެލާނާ އިންޓަރނޭޝަނަލް އެއްރޕޯޓަށް މި މަހުގެ ހަތްވަނަ ދުވަހު ރެކޯޑް އަދަދަކަށް މަތިންދާބޯޓް ޖައްސާފައިވާކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 644 މަތިންދާބޯޓް ޖައްސާފައިވާކަމަށް ރެކޯޑް ކުރެވިފައިވާއިރު، މިއީ މިހާތަނަށް ދުވާލެއްގެ މައްޗަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އެންމެ ގިނަ އަދަދަކަށް މަތިންދާބޯޓް ޖެއްސި ދުވަސްކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ. މިއީ މީގެކުރިން ވީއައިއޭއަށް ދުވާލެއްގެ މައްޗަށް އެންމެގިނައިން މަތިންދާބޯޓް ޖެއްސިކަމަށް ރެކޯޑް ކުރެވިފައިވާ އަދަދަށްވުރެ 77 މަތިންދަބޯޓު އިތުރު ޢަދަދެކެވެ.

މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ރިކޯޑްތަކަށް ބަލާއިރު މީގެކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްތަށް ދުވާލެއްގެ މައްޗައް އެންމެ ގިނައިން ފްލައިޓް ޖައްސާފައިވަނީ މިދިޔައަހަރު ޖެނުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އެއީ 567 މަތިންދާބޯޓެވެ. މީގެތެރޭގައި އިންޓަނޭޝަންލް ފްލައިޓްތަކާއި، ޑޮމެސްޓިކް ފްލައިޓްތަކުގެ އިތުރުން ސީޕްލޭންގެ އުދުހުންތައްވެސް ހިމެނެއެވެ.

މިމަހުގެ ހަތްވަނަ ދުވަހު ވީއައިއޭގައި 644 ވައިގެ އުދުހުން ހިންގާފައިވެއެވެ. އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނުކޭޝަން ޙަސަން އަރީފް ވިދާޅުވީ މިމަހުގެ ހަތްވަނަދުވަހު ވީއައިއޭއަށް 108 އިންޓަރނޭޝަނަލް ފްލައިޓާއި، 94 ޑޮމެސްޓިކް ފްލައިޓާއި، 442 ސީޕްލޭން ޖައްސާފައިވާކަމަށެވެ.ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް ޚިދުމަތްދޭ މިންވަރު އިރުކުރުމަށް ސަރުކާރުން ގެންދަނީ ބިޔަ މަޝްރޫޢުއެއް ކުރިއަށްގެންދަމުންނެވެ. އެއްބިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫޢުގެ ދަށުން، އާ ރަންވޭއެއް ހެދުމާއި، އިންޓަރނޭޝަނަލް ޓަރމިނަލަކާއި، އާ ސީޕްލޭން ޓަރމިނަލެއްގެ އިތުރުން، ފިއުލް ފަރމަކާއި، ކާގޯ ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން އެއަރޕޯޓަށް ޖައްސާ އެއަރ ކްރާފްޓްތަކަށް ފަސޭހަކަމާއެކު ޕާކް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެއަރޕޯޓުގެ ޕާކިން ސްޕޭސް އިތުރުކުރުންވެސް ހިމެނެއެވެ.