ކުޅިވަރު

"ޔުނައިޓެޑަށް ސޮއިކުރާނީ 4 ލައްކަ ޕައުންޑްގެ މުސާރައަކަށް"


ބާސެލޯނާ އަށް ބަދަލުވުމުގެ ބަދަލުގައި މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރާނީ ހަފުތާއަކު މަދުވެގެން ހަތަރު ލައްކަ ޕައުންޑް މުސާރައިގެ ގޮތުގައި ދޭނަމަ ކަމަށް އެންޓޮއިން ގްރިއެޒްމަން ބުނެފިއެވެ.

އެތްލެޓިކޯ މެޑްރިޑުގެ ފްރާންސްގެ ފޯވަޑަކީ ޔުނައިޓެޑުން މިދިޔަ ސީޒަނުން ފެށިގެން ހޯދަން ބޭނުންވާ ކުޅުންތެރިއެކެވެ. ނަމަވެސް އޭނާ ގަތުމަށް ބާސެލޯނާއިން މަސައްކަތް ފެށުމުން ގެރިއެޒްމަން ވަނީ ބާސެލޯނާ އަށް ބަދަލުވާން ގަސްތުކޮށްފައެވެ.

ޔުނައިޓެޑުން މިވަގުތު ގްރިއެޒްމަނަށް ދޭން ހުށަހަޅާފައިވަނީ ހަފުތާއަކު ދެލައްކަ ނުވަދިހަ ހާސް ޕައުންޑެވެ. ޔުނައިޓެޑުން ބުނީ މި އަދަދަށް އިތުރު އެއްލައްކަ ޕައުންޑް އިތުރުކުރަން ގްރިއެޒްމަން ބޭނުންވި ނަމަވެސް އެއީ މާބޮޑު މުސާރައެއް ކަމަށެވެ.

އަދި ގްރިއެޒްމަން ގަތުމަށް 91 މިލިއަން ޕައުންޑް ހޭދެކުރަން ޔުނައިޓެޑް ތައްޔާރު ކަމަށާއި ނަމަވެސް ބާސެލޯނާގެ ސަބަބުން ކުޅުންތެރިޔާގެ ޑިމާންޑްތައް އިތުރުވެފައިވާ ކަމަށެވެ.

ބާސެލޯނާއިން ގްރިއެޒްމަން ގަތުމަށް ބޭނުންވަނީ މި ސީޒަން ނިމުމުންނެވެ. މިކަމަށް ކުޅުންތެރިޔާއާއެކު ގާތްގަނޑަކަށް އެއްބަސްވެފައިވާއިިރު 100 މިލިއަން ޕައުންޑް އޭނާ ގަތުމަށް ހޭދަކުރަން ވެސް ބާސެލޯނާ އޮތީ ތައްޔާރަށެވެ.