ޚަބަރު

ޖުމްހޫރީ ފަންސާހަށް ޚާއްޞަ ޙަރަކާތްތަކެއް ރާވަނީ!


ދިވެހި ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލް ކުލަގަދަކޮށް ފާހަގަކުރުމަށް ހިންގާ ޕްރޮގްރާމްތައް ރާވާ ކުރިއަށްގެންދިއުމަށް، ޚާއްޞަ ވިލަރެސް  ކޮމިޓީއެއް އެކުލަވާލާ އެކޮމިޓީގެ ބެލުމުގެދަށުން ގިނަ ޕްރޮގްރާމްތަކެއް ރާވަމުންދާކަމަށް ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ޖުމްހޫރީ ފަންސާހަކީ މިހާތަނަށް ރާއްޖޭގައި، ދިވެހި ރައްޔިތުންގެ ބައިވެރިވުމާއެކު އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ ޖުމްހޫރީ ދުވަހަށް ހެދުންކަމަށެވެ. އެގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭގޮތަށް އިންތިޒާމްތައް ރާވަމުން އަންނަކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. މިއަހަރަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް ފަންސާސް އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރާ އަހަރެވެ. މިދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމަވާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އެކަން އިޢުލާންކުރައްވާފައެވެ.

ޖުމްހޫރީ ފަންސާހުގެ ހަރަކާތްތަކާ ގުޅޭ މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ އަޒްލީން އަޙްމަދު ވިދާޅުވީ، އެދުވަސް ފާހަގަކުރުމަށް އެކަމަށް ޚާއްޞަ ވިލަރެސް ކޮމިޓީއެއް އެކުލަވާލާ އެކޮމިޓީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާނެ ޕްރޮގްރާމްތައް ރާވަމުން އަންނަކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ޖުމްހޫރީ ފަންސާހަކީ މިހާތަނަށް ރާއްޖޭގައި، ދިވެހި ރައްޔިތުންގެ ބައިވެރިވުމާއެކު އެންމެ ކުލަގަދަކޮށް ފާހަގަކުރެވޭ ޖުމްހޫރީ ދުވަހަށް ހެދުންކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ވީހާވެސް ގިނަ ރައްޔިތުންގެ ބައިވެރިވުމާއެކު މި ދުވަހާގުޅޭ ޙަރަކާތްތައް ކުރިއަށްގެންދިއުމަށް ޚާއްޞަ އިންތިޒާމްތަކެއް ރާވަމުންދާކަމަށެވެ.

"ޖުމްހޫރީ ފަންސާސް ފާހަގަކުރުމަށް ވާންޖެހޭ ތައްޔާރީތައްވެސް ވަރަށް ބާރުސްޕީޑްގައި ކުރިއަށް އެބަދޭ. މިހާ ކުލަގަދަކޮށް ފާޙަގަކުރާއިރު ވަރަށް ގިނަ ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ. މި އުފާވެރި ދުވަސް ފާހަގަކުރުމަށްކުރެވޭ ކަންކަމުގައި ރައްޔިތުން ވީހާވެސް ބޮޑަށް އެއްބާރުލުންދެއްވާ މިކަމުގައި ބައިވެރި. މިއީކީ ވަކި ކުލައަކަށް ކުރާކަމެއްނޫން. ރައްޔިތުންގެ ޤައުމިއްޔަތުގެ ލޯބި އޮތިއްޔާ އެ ފުރުޞަތު ހުރިހާ ފަރާތްތަކަށް އަރުވާނަން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ޖުމްހޫރިއްޔަތަށް 50 އަހަރުފުރޭ ރަންޔޫބީލް އަންނަ އަހަރު ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމަވައި ޖުމްހޫރީ 50 ގެ ލޯގޯ އާއި ލަވަ ރައީސުލްޖުމްހޫރިއްޔާ ވަނީ އިފްތިތާޙް ކޮށްދެއްވާފައެވެ. އަދި މިއަހަރު ސަރުކާރުގެ ހުރިހާ ރަސްމީ ސިޓީތަކާއި ލިޔުންތަކުގައި ބޭނުންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ހަމަޖައްސަވާފައެވެ. ފެއްސާއި ރަތާއި ހުދުން ފަރުމާކޮށްފައިވާ މި ލޯގޯއީން ރާއްޖޭގެ ޖުމްހޫރިއްޔާގެ ދިދައާއި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިންގެ މިނިވަންކަން ރަމްޒުކޮށްދެއެވެ.                                

އަންނަ އަހަރު ރާއްޖޭގެ ޖުމްހޫރިއްޔަތައް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤާއްޔޫމް ނިންމަވާފައިވާއިރު، އެމަނިކުފާނުގެ ޒަޢާމަތުގައި 2015 ވަނައަހަރު ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސްއަހަރު ފުރުމުގެ ރަންޔޫބީލްވެސް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.