ޓުއަރިޒަމް

އެނބޫދޫ ފަޅުން ރީޓެއިލް ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލަނީ


އެނބޫދޫ ލެގޫން މަޝްރޫޢުގައި ހިމެނޭ ރީޓެއިލް ފިހާރަތައް ކުއްޔަށް ދިނުމަށް ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

ދިވެހިރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިންޓަރގްރޭޓެޑް ޓޫރިޒަމްގެ އެންމެ ބިޔަ މަޝްރޫޢު، އެނބޫދޫ ލެގޫން މަޝްރޫޢު ހިންގާ ތައިލެންޑްގެ ސިންގ އެސްޓޭޓް ކުންފުނިން ބުނީ، މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އާޓް ގެލަރީގައިކަމަށެވެ. 

މި މހުގެ 17ވަނަ ދުވަހު ބާއްވާ މި ހަރަކާތުގައި  ދިވެހި ވިޔަފާރިވެރިންގެ އިތުރުން ބޭރުގެ ވިޔަފާރިވެރިންވެސް ބައިވެރިވާނެކަމަށް ސިންހަ އެސްޓޭޓް ކުންފުނިން ބުނެއެވެ.

އެނބޫދޫ ލެގޫން މަޝްރޫޢުއަކީ 9 ރަށުގެ މައްޗަށް އެކުލެވިގެންވާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހީގައިތަރައްޤީކުރާ 3 ރަށުގައި 800 އެނދު ހިމެނެއެވެ. އެނބޫދޫ ފަޅުގައި 30 ރެސްޓޯރެންޓް ހެދުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫޢުގައި ހިމެނޭ ހާޑްރޮކް ރިސޯޓް މި އަހަރުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ނިންމާފައެވެ.

މިމަޝްރޫޢުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓައުންޝިޕެއް ތަރައްޤީކުރާނެއެވެ. އަދި ޑިއުޓީ ފްރީއާއި، ފަތުރުވެރިން ގަޔާވާ އެހެނިހެން ޚިދުމަތްތަކާއެކު މާލެސަރަޙައްދުގައި ހަރުދަނާ ދަތުރުފަތުރުގެ ފެރީގެ ނިޒާމެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެނބޫދޫ ލެގޫންގެ ފުރަތަމަފިޔަވަހީގައި ހިމެނޭ ތިން ރަށުގައި އުފެދޭ ވަޒީފާގެ ފުރުސަތުތަކާއި، އެނޫންވެސް ދަތުރުފަތުރާއި، ނުސީދާ ގޮތުން މި މަޝްރޫޢުގެ ދަށުން އުފޭދޭ ވަޒީފާތަކާއެކު ދިހަހާހަށްވުރެ ގިނަ ވަޒީފާ އުފެދޭނެކަމަށް ޓުއަރިޒަމް މނިސްޓްރީން ބުނެއެވެ.