ކުޅިވަރު

ބާސާ މޮޅު، ރިއަލް އެއްވަރު، ފަރަޤު 16 ޕޮއިންޓަށް!


ބާސެލޯނާ މޮޅުވެ، ރިއަލްމެޑްރިޑަށް މޮޅު ނުވެވުމުން ދެޓީމްގެ ފަރަޤު ބޮޑުވެ ލީގުގެ އުއްމީދު ރިއަލްމެޑްރިޑަށް ފަނޑުވެއްޖެއެވެ.

 ސްޕެނިޝް ލަލީގާގައި ރޭ 3-0ން ލެވަންޓޭ ބަލިކޮށް ބާސެލޯނާ ވަނީ ތާވަލްގެ އެއްވަނާގައި ނުވަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އަދި ހަތަރު ވަނާގައި އޮތް ރިއަލްމެޑްރިޑްގެ މައްޗަށް 16 ޕޮއިންޓްގެ ލީޑެއް ބާސާއިން ވަނީ ހޯދާފައެވެ. ރޭގެ މެޗުގައި ބާސެލޯނާގެ ތިން ލަނޑު ޖެހީ މެސީއާއި، ސުއަރޭޒް އަދި ޕައުލީނިއޯއެވެ. ރޭގެ މެޗަކީ މެސީ ބާސާއަށް ކުޅެދިން 400 ވަނަ މެޗެވެ. އަދި މެސީ ރޭގެ މެޗުގައި ޖެހި ގޯލަކީ ލަލީގާގައި ޖެހި 365 ވަނަ ގޯލެވެ. މިއާއެކު ޔޫރަޕްގެ ޓޮޕް ފަސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ގާޑް މުލާގެ ރެކޯޑާ ވަނީ ހަމަހަމަވެފައެވެ.

އަނިޔާއަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި ގެރެތް ބޭލް ރިއަލްމެޑްރިޑަށް ދެ ލަނޑު ޖަހައިދިން ނަމަވެސް ސެލްތަވީގޯ އަތުން މޮޅުނުވެވުމުން ރިއަލްމެޑްރިޑަށް ވަނީ ވަރަށްބޮޑު މާޔޫސްކަމެއް ކުރިމަތިވެފައެވެ. ބޭލްގެ ދެ ލަނޑާއެކު މެޗު ނިމުނީ 2-2 ން އެއްވަރުވެގެންނެވެ. ރޭގެ މެޗަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ފަހުން ބޭލް ރިއަލްގެ ފުރަތަމަ އެގާރައިގަ ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.