ކުޅިވަރު

މަޤާމް އަލުން ހޯދަން އަފްނާން މެލޭޝިޔާގައި ތަމްރީނު ހޯދަނީ


ކުރީގެ ބެޑްމިންޓަން ޤައުމީ ޗެމްޕިއަން އައިޝަތު އަފްނާން ރަޝީދު އެމަޤާމް އަލުން ހޯދުމަށް މެލޭޝިޔާގައި ތަމްރީން ހޯދަން ފަށައިފިއެވެ. 

އަފްނާން މެލޭޝިޔާގައި ތަމްރީނު ހޯދަމުން ދަނީ މެލޭޝިޔާގެ ސުބަންގ ޖާޔާ ބެޑްމިންޓަން ކްލަބްގައެވެ. އޭނާއަށް އިރުޝާދުދެނީ ކޯޗު ސިމޯންއެވެ. އަފްނާން ބުނީ މިއަހަރު އޭނާ ހޭދަކުރާނީ މެލޭޝިޔާގައި ކަމަށާއި، އަމާޒަކީ ތަމްރީނުތަކަށްފަހު ޤައުމީ ޗެމްޕިއަންކަން އަލުން ހޯދުންކަމަށެވެ. 

" މިއަހަރު މެލޭޝިޔާގައި ތަމްރީނު ހޯދާނީ. އިރާދަކުރެއްވިއްޔާ ތަމްރީނުތަކަށްފަހު އަލުން ޤައުމީ ޗެމްޕިއަންކަން ހޯދާނަން. ނޮވެމްބަރުގައި އޮންނަ މުބާރާތަށް މާލެ ދާނަން. އަމިއްލައަށް ތަމްރީނު މިހޯދަނީ. " މެލޭޝިޔާގައި ހުރެ ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

އެންމެ ފަހުން ނިމުނު މުބާރާތުގައި އަފްނާން ވަނީ ނީލާ އަހުމަދު ނަޖީބާއެކު އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައެވެ. ނަމަވެސް ބޭބެ މުޙައްމަދު އަޖުފާންއާއެކު މިކްސް ޑަބަލްސްގައި ވަނީ ބަލިވެފައެވެ. އަންހެން ސިންގަލްސް ޤައުމީ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ އައިމިނަތު ނަބީހާ އަބުދުއްރައްޒާޤެވެ. މިދިޔަ އަހަރު އަފްނާން ވަނީ ނ.ހޮޅުދޫއާއި، އައްޑޫ ސިޓީގައި އޮތް ބެޑްމިންޓަން މުބާރާތެއްގައި ވާދަކޮށްފައެވެ. އަދި އަތޮޅު ލީގާއި، އޮފީސް މުބާރާތުގައިވެސް ވާދަކުރިއެވެ. 

img:http://s3.psmnews.mv/images/660x400/15153855224110.jpg|އަފްނާން މެލޭޝިޔާގައި ތަމްރީނު ހޯދާ ބެޑްމިންޓަން ކްލަބްގެ ކޯޓް: ފޮޓޯ-އަފްނާން އެފްބީ

އަފްނާން ވަނީ ކުރިން ރާއްޖޭގެ އެއްވަނަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.