ޚަބަރު

މާލޭގަ ކުނި އުފެދޭ މިންވަރު ދެނެގަތުމަށް ސަރވޭ ކުރަން ފަށައިފި


މާލޭގެ ގޭބިސީތަކުގައި ކުނި އުފެދޭ މިންވަރު ދެނެގަތުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން ސަރވޭ ކުރަން ފަށައިފިއެވެ. މިއަދު ފެށި މި ސަރވޭގައި ގޭބިސީތަކާއި ޢިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ އަދަދާއި މީހުންގެ ނިސްބަތުން ކުނި އުފެދޭ މިންވަރާއިބެހޭ ގޮތުން މަޢުލޫމާތު އޮޅުން ފިލުވާނެއެވެ. ވެމްކޯގެ އޮފަރޭޝަންސް މެނޭޖަރ ހައުސް ހޯލްޑް، މުހައްމަދު ޝާން ވިދާޅުވީ މިސާރވޭގެ ސަބަބުން ގޭބިސީތަކުގައި އެފެދޭ ނުރައްކާތެރި ކުނީގެ ބާވަތްތަކާއި ކޯބޯތަކެތިން އުފެދޭ ކުންޏާއި އެހެނިހެން ކުނީގެ މިންވަރު އެނގޭނެ ކަމަށެވެ. 



"މި ސަރވޭއިން ލިބޭ މަޢުލޫމާތުގެ އަލީގައި ކުނި އުފައްދާ މިންވަރު މަދު ކުރުމަށް ބާރު އެޅުން ހިމެނޭ. ކޮންމެ އިމާރަތަކުން އުފައްދާ ކުނީގެ ބާވަތުގެ ނިސްބަތުން ކުނި އުފައްދާ މިންވަރު މަދުކުުރުމަށް ޚާއްސަ އިސްކަމެއް ދެން. ޚާއްސަކޮށް ތިމާވެއްޓަށް ނުރައްކާތެރި ކުނީގެ ބާވަތްތައް އުފައްދާ މިންވަރު މަދުކޮށް، ރިސައިކަލް ކުރުމަށް ބާރު އެޅުމަކީވެސް މި ސަރވޭގެ މަޤްސަދެއް" ޝާން ވިދާޅުވިއެވެ. 



މާލޭގެ ގޭބިސީތަކުގައި ކުނި އުފެދޭ މިންވަރު ދެނެގަތުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއިން ކުރިއަށް ގެންދާ މިސަރވޭގެ މަސައްކަތް ނިމުމުން ވެމްކޯ އިން މިހާރު ދެމުންދާ ޚިދުމަތް ހަރުދަނާކޮށް، މަސައްކަތް ރާވާ ކުރިއަށް ގެންދިއުމުގައި ގިނަ ފަސޭހަތެއް ވެގެންދާނެ ކަމަށް ވެމްކޯއިން ބުނެއެވެ.