ޚަބަރު

މާލޭގެ މަގުތަކުން 265 ޓަނުގެ ކުނި ނަގައިފި


މާލޭގެ މަގުތައް ސާފުކޮށް 6 ގަޑިއިރުގެ ތޭރޭގައި 265 ޓަނުގެ ކުނި ނަގައިފިއެވެ. ވެމްކޯއިން ބުނީ މާލޭގެ ބައެއް ކަންމަތި ތަކުގައި ޖަމާކޮށްފައިހުރި ގިނަ އަދަދެއްގެ ކުނި ނަގާފައިވަނީ ރޭ މެންދަމު 2 އިން މިއަދު ހެނދުނު ހަތަކަށް މާލެތެރެ ސާފުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއްގައިކަމަށެވެ.  

މާލޭގެ މަގުތަކާއި، ކަންކަންމަތީ ބަހައްޓާފައިހުރި ކުނިތައް ނެގުމަށް ވެމްކޯއިން ކުރިއަށްގެންދިޔަ ހަރަކާތުގައި 50 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ފަސް ގަޑިއިރު ތެރޭގައި މާލެތެރެއިން 250 ޓަނުގެ ކުނި ނަގާފައިވާއިރު، މި އަދަދަކީ އެއްވެސް ވިސްނުމެއް ނެތި މަގުތަކަށް ކުނި އަޅާ މަދު ބަޔަކު ވިސްނާލުން މުހިންމު ކަމެކެވެ. މާލެތެރެއިން އެންމެ ގިނައިން ނަގާފައިވާ ކުނީގެ ތެރޭގައި ބާ ފަރުނީޗަރާއި، އައިސްއަލަމާރި ފަދަ ގޭތެރޭގައި ބޭނުންކުރާ ތަކެތި ހިމެނެއެވެ. އަދި ގިނަ އަދަދެއްގެ ތަރުކާރީ އާއި ގެރެންޓީ ހަމަވެގެން ނެރެފައި ހުންނަ މުދާވެސް ގިނަކަން ފާހަގަކުރެވެއެވެ. އަދި ޢިމާރާތްތައް ތަޅާލުމަށްފަހު ކަންމަތިތަކުގައި ބަހައްޓާފައިހުރި ކޮންކްރީޓާއި، ގާކުޑިފަދަ ބާވަތްތައްވެސް ހިމެނެއެވެ. މަގުތަކަށް ކުނި އަޅާ މަދު ބަޔަކު އެންމެ ގިނައިން ކުނި ބަހައްޓަނީ ސަހަރާތައް ކައިރީގައި ކަމަށް ވެމްކޯއިން ބުނެއެވެ. ވެމްކޯގެ އޮޕަރޭޝަންސް މެނޭޖަރ ހައުސް ހޯލްޑް، މުހައްމަދު ޝާން ވިދާޅުވީ މާލޭގައި ކުނި އުކުމުގެ ހަރުދަނާ ނިޒާމެއް ސަރުކާރުން ޤާއިމްކޮށްފައިވާއިރު، މަގުތަކާއި، ކަންމަތިތަކުގައި ކުނި ޖަމާކޮށްފައި ހުުރުމަކީ ހިތާމަކުރަން ޖެހޭ ކަމެއްކަމަށެވެ. ވެމްކޯގެ ކުނި އުކުމުގެ ޚިދުމަތް މާލެ ސަރަޙައްދުގެ ފަންސަވީސް ހާސް ގޭބިސީއަކާށް ދެމުން އަންނައިރު، ދެހާހެއްހާ ގޭބިސީން އަދިވެސް ކުނި އުކުމުގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީކޮށްފައިނުވާކަން ޝާން ފާހަގަކުރެއްވިއެވެ.

" އަދިވެސް އެބައުޅޭ 2000 ޕްލަސް ގޭބިސީއަކުން ރަޖިސްޓްރީ ނުކުރާ. އެ ފަރާތްތަކުން އެބަޖެހޭ ރަޖިސްޓްރީކުރަން. އޭރުން އެއްވެސް މައްސަލައެއް ނެތި މާލެ ތެރެއަށް ކުނި އުކުމުގެ މައްސަލަ ހައްލުވާނެކަމަށް ބެލެވޭ. މިހާރު ވެމްކޯއިން ދަނީ ފަންސަވީސް ހާސް ގެއިން ކުނި ނަގަމުން.  24 ގަޑއިިރުން އެއްފަހަރު ކޮންމެ ގެއަކުންވެސް ކުނި ނަގާނެ. " މުހައްމަދު ޝާން ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15153136616423.jpg|ވެމްކޯގެ އޮޕަރޭޝަންސް މެނޭޖަރ ހައުސް ހޯލްޑް، މުހައްމަދު ޝާން / ފޮޓޯ ޕީއެސްއެމް

މަގުތަކުގައި ކުނި ބަހައްޓަން ޖެހެނީ ވެމްކޯއިން ބަރާބަރަށް ކުނި ނަގަމުން ނުދާތީ ކަމަށް ބައެއް ޢާންމުން ބުނާކަަމަށް ނޫސްވެރިޔަކު ކުރި ސުވާލަކަށް ސުވާލުކުުރުމުން ޝާން ވިދާޅުވީ، ބައެއް ގޭގެއިން ކުނި ނެގުމުގައި ބައެއް ދަތިތައް ކުރިމަތިވާ ކަމަށެވެ. އެހެންނަމަވެސް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ގެތަކުން ކުނި ނަގަމުންދާކަމަށް ޝާން ވިދާޅުވިއެވެ.

" ބާރާބަރު އިންނަ ގަޑިއަށް ނުދެވިދާނެ. ޓައިމް ފްރޭމްގެ ތެރެއިން ކޮންމެވެސް އެއްގަޑިއެއްގައި ކޮންމެ ގެއަކުންވެސް ކުނި ނަގާނެ. ނަމަވެސް ބައެއް ހާލާތްތައް އެބަދިމާވޭ ކުނި ނުނެގޭ. ކުދި ކުދި ކަންތައްތަކެއް ހުރީ. މިސާލަކަށް ކަސްޓަމަރ ފޯން ނުނެގުން. ބައެއް ގެތަކުގައި ލޮކް ހުރުމުން ކުނި ނެގުމުގައި އެބަދަތިވޭ. އެފަދަ ދަނޑިވަޅުތަކުގައި ޒޯން ބަލަހައްޓާ ސްޕަވަައިޒަރުން ކަސްޓަމަރުންނަށް ގުޅަމުންދާނެ " މުހައްމަދު ޝާން ވިދާޅުވިއެވެ.

މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވުމާއެކު، މާލޭގެ ވެއްޓަކީ އެންމެންނަށް ރަައްކާތެރި ސާފު ވެއްޓަކަށް ހެދުމަށް ވެމްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.