ޚަބަރު

އާ ރަންވޭގައި ޓެސްޓް ފްލައިޓްތައް މިއަހަރު ފަހުކޮޅު ޖައްސާނެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭގެ މަސައްކަތްތައް ނިންމައި މިއަހަރުގެ ފަހުކޮޅު ޓެސްޓް ފްލައިޓްތައް ޖައްސަން ފަށާނެކަމަށް އެމްއޭސިއެލްއިން ބުނެފިއެވެ. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސާ ވިދާޅުވީ މިހާރު ކުރިޔަށް ދަނީ ރަންވޭގެ ސެންޓަރ ލައިޓްތައް ޖެހުމުގެ މަސައްކަތާއި، ޓެކްސީވޭ ހެދުމުގެ މަސައްކަތްކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އެއަރޕޯޓް ތަރައްޤީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ފެށި މަސައްކަތެވެ. ރަންވޭގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. މިއަހަރުގެ ނިޔަލަށް ރަންވޭގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނައިރު، ރާވާފައިވާ ތާވަލާއި އެގޮތަށް ރަންވޭގެ މަސައްކަތްތައް ކުރިއަށްދާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ވީއައިއޭގައި މިހާރު ބޭނުންކުރަމުންދާ ރަންވޭ އަކީ 3200 މީޓަރު ދިގު، 45 މީޓަރު ފުޅާ ރަންވޭއެކެވެ. ނަމަވެސް އަލަށް ތަރައްޤީކުރާ ރަންވޭއަކީ 3400 މީޓަރު ދިގު 64 މީތަރުގެ ފުޅާ ރަންވޭއެކެވެ. ރަންވޭގައި ހަލޭޔަރ އެޅުމަށް ހަމަޖެހިފައިވާއިރު، މީގެތެރެއިން ތިން ލޭޔަރ އެޅުމުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކަޓަރ ޢާދިލް މޫސާ ވިދާޅުވީ ހަތަރުވަނަ ލޭޔަރ އެޅުމަށް ބޭނުންވާ ބައެއް މެޓީރިއަލްތައް ލިބުނުހާ އަވަހަށް އެ މަސައްކަތް ފަށާނެކަމަށެވެ. ރަންވޭގެ ލޭޔަރތައް އެޅުމުގެ މަސައްކަތްތަކާއިއެކު ރަންވޭގެ އަރިމަތީ ސޯލްޑަރގެ މަސައްކަތްތަކާއި، ސެންޓަރ ލައިޓްތައް ހަރުކުރުމާއި، ރަންވޭގައި ހަދާ ޓެކްސީވޭގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އާދިލް މޫސާ ވިދާޅުވިއެވެ. މި އަހަރުގެ ފަހުކޮޅު ރަންވޭގެ މަސައްކަތްތައް ނިންމާ ރަންވޭގެ ޓެސްޓް ފްލައިޓްތައް ޖައްސާނެކަމަށް ޢާދިލް މޫސާ ވިދާޅުވިއެވެ.

ވޭލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި އަޅާ އާ ރަންވޭ ވެގެންދާނީ ދުނީޔޭގައި ބޭނުންކުރާ އެންމެބޮޑެތި މަތިންދާބޯޓްތައް ކަމަށްވާ އޭ ތްރީ އެއިޓީގެ ބޯޓުތައް ޖެއްސޭ ފެންވަރުގެ ވަރުގަދަ ރަންވޭއަކަށް ކަމަށް އެމްއޭސީއެލުން ބުނެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތްކުރަނީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕުންނެވެ.