ޚަބަރު

ބިން ލިބުމާއި އެކު އާ އިންޖީނުގޭގެ މަސައްކަތް ފަށާނަން- ސްޓެލްކޯ


މާލޭ އިންޑަސްޓްރިއަލް ވިލެޖުން ބިން ލިބުނުހާ އަވަހަކަށް ސްޓެލްކޯއިން އެސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ ޢަމަލީ މަސައްކަތް ފަށާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ސްޓެލްކޯއިން ބުނެފިއެވެ. އެގޮތުން ބިން ހަމަޖެއްސުމަށް އެދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށައަޅާފައިވާކަމަށާއި އިންޖީނުގޭގެ ޑިޒައިންގ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯ އިން މާލެއަށްދޭ ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ފުޅާކުރުމަށް އެ ކުންފުނިން ވަނީ ޙާއްސަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ރާވާ ފައެވެ. މީގެ ތެރޭގައި މިހާރު ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން މިއަހަރަށް ރާވާފައިވާ މަޝްރޫޢުތައް ހިމެނެއެވެ. އެގޮތުން މި އަހަރު މާލޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުއަކީ އިންޑަސްޓްރިއަލް ވިލެޖުގައި އަޅަން ތައްޔާރު ވަމުންދާ އިންޖީނުގޭގެ މަސައްކަތެވެ. މި އިންޖީނުގެއިން 25 މެގަވޯޓްގެ ކަރަންޓު އުފެއްދޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. 

އިންޖީނުގޭގެ މަސައްކަތަށް ބަލާއިރު، މަޝްރޫޢުގެ އިދާރީ މަސައްކަތް މިދިޔަ އަހަރުން ފެށިގެން ދަނީ ކުރަމުންނެވެ. އަދި އިދާރީ މަސައްކަތް މިހާރު ނިމުމާއި ގާތްވެފައިވާކަމަށް އެ ކުންފުނިން ބުނެއެވެ. ސްޓެލްކޯގެ އެސިސްޓެންޓް އިންޖިނިއަރ މަރިޔަމް ޢަލީ ވިދާޅުވީ މިހާރު ޕަވަރ ޕްލާންޓްގެ ހުރިހާ ކުރެހުންތަކުގެ މަސައްކަތްނިމި ފައިނަލް ކޮށްފައިވާކަމަށެވެ. މަރިޔަމް ޢަލީ ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޕަވަރ ޕްލާންޓް އެޅުމަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތްކަމަށެވެ. އެގޮތުން ބިން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދަންނަވާ ފައިވާކަން އޭނާ ފަހަގަ ކުރެއްވިއެވެ.  

މި މަޝްރޫޢުގެ މަސައްކަތް ނިމޭއިރު އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ އިންޖީނުގޭގައި 8 މެގަވޯޓްގެ ތިން ޖަނަރޭޓަރު ބަހައްޓާނެއެވެ. ފައްސަތޭކަ ފަންސާސް ފަސް މިލިއަން ރުފިޔާގެ މިމަޝްރޫޢުގެ މަސައްކަތް ދޮޅުއަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ދެވޭނެ ކަމަށް ސްޓެލްކޯ އިން އަންދާޒާކުރެއެވެ. އަދި މިމަޝްރޫޢުގެ ސަބަބުން މާލެއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރަމުން އަންނަ އިންޖީނުތަކަށް މައްސަލަ ދިމާވިޔަސް ޚިދުމަތަށް ބުރު ނާރާ ޚިދުމަތް ދެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.