ޚަބަރު

ވީއައިއޭގެ ވޯޓަރފްރަންޓް މިމަހު ހުޅުވަނީ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތް ނުނިމި ލަސްވަނީ ދިމާވި ބައެއް ދަތިތަކާ ހުރެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ. ދުނިޔޭގެ މަޝްހޫރު ފާސްޓްފުޑް ބްރޭންޑްތަކާއިއެކު ތަރައްޤީކުރާ އިމާރާތުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ނުކުރެވުނީ ދިމާވި ބައެއް މައްސަލަތަކާއި ގުޅިގެންނެވެ. 

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދިލް މޫސަ ވިދާޅުވީ އެއަރޕޯޓްއަކީ 24 ގަޑިއިރު ޚިދުމަތް ދޭ ތަނަކަށްވާތީ ޕްލޭނާއި އެއްގޮތަށް ގެންދިއުމުގައި ދަތިތަށް ކުރިމަތިވިކަމަށެވެ. އެގޮތުން ބައެއް ކަންކަމާއި ހުރެ މަސައްކަތް މަޑުޖައްސާލަންޖެހުނު ކަމަށާއި، ނަމަވެސް މިހާރު ކުރަމުންދަނީ ވޯޓަރފްރަންޓް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަން އޭނާ ފާހަގަކުރެއްވިއެވެ.



ޑޮމެސްޓިކް ޓާމިނަލާ ދިމާލުން މޫދާކައިރީގަ ހަދާ މި އިމާރާތް ނިންމާ ހުޅުވަން ހަމަޖައްސާފަ އޮތީ މިދިޔަ ޑިސެމްބަރ މަހުގައެވެ. ވޯޓާރފްރަންޓްގައި ހަދާ މިއިމާރާތުގެ މުހިއްމު ބޮޑެތި މަސައްކަތް މިހާރު ނިމިފައިވާކަމަށް އެމްއޭސީއެލް އިން ބުނެއެވެ. އެގޮތުން ސްޓްރަކްޗަރގެ މަސައްކަތާއި ބޭރު ފަރުމާކުރުމުގެ މަސައްކަތަކާއި ތަށިމުށި ޖެހުން ފަދަ ބޮޑެތި ހުރިހާ މަސައްކަތް ވަނީ ނިމިފައެވެ. މިއިމާރާތް ހުޅުވާއިރު ބޭރުގެ މަޝްހޫރު ތިން ފްރެންޗައިސް ބްރޭންޑްގެ ރެސްޓޯރެންޓްތައް ހުޅުވުމަށް ހަމަޖެހިފަވެއެވެ. އެގޮތުން މި ބްރޭންޑްތަކާއެކު ސޮއިކުރުމަށް ވާންޖެހޭ ހުރިހާ މަސައްކަތްތައް ނިމި، މިމަހު އެފަރާތްތަކާއެކު ސޮއިކުރާނެކަމަށް އެމްއޭސީއެލް އިން ބުނެއެވެ.



މޫދާކަައިރީގަ ހަދާ މިއިމާރާތް ތަރައްޤީކުރަނީ ދެ ފަންގިފިލަކައަށެވެ. އެގޮތުން ފުރަތަމަ ފަންގިފިލާ ތަރައްޤީ ކުރަނީ ޑޮމެސްޓިކް ޓަރމިނަލްއިން ފުރާ މީހުން ބޭނުންކުރާ ފެރީޓަރ މިނަލްއެއްގެ އިތުރުން، މީހުން މަޑުކޮށްލައިގެން ތިބެވޭ ހިތްފަސޭހަ ސަރަޙައްދެއް ގޮތުގައެވެ. ދެވަނަ ފަންގިފިލާ ޙާއްސަ ކޮށްފައިވަނީ ފާސްޓްފުޑް އޭރިއާގެ ގޮތުގައެވެ. މިއިމާރާތުން އެއްފަހަރާ ދުއިސައްތަ އާއި ތިންސަތޭކައާއި ދެމެދުގެ ޢަދަދެއްގެ މީހުންނަށް ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.