ޚަބަރު

ސިފައިންކުރާ ކުށްތައް ތަހްޤީޤް ކުރުމަށް ޤާނޫނެއް ހަދަނީ


ސިފައިން ކުރާ ކުށްތައް ތަހްޤީޤްކޮށް އަސްކަރީ އަދުލުގެ ނަމުގައި ބިލެއް ޑްރާފްޓްކޮށް އެޓަރނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ޕީއެސްއެމް ނިއުސްއާ ޙިއްސާކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުގައި އެފަދަ ޤާނޫނެއް ހެދުމުގެ މަޤްސަދަކީ ސިފައިން ކުރާ ޢަސްކަރީ ކުށްތަކުގެ އެންމެހާ މައްސަލަތައް އިންސާފުވެރިކަމާއެކު ނިންމުމަށް މަގުތަނަވަސްކޮށްދިނުމެވެ. އަދި ޢަސްކަރީ ކުށްތައް ބަލައި ތަޙްޤީޤު ކުރުމުގައި ތަޙްޞީސް ވެގެންވާ ތަޙްޤީޤު ނިޒާމެއް ޤާއިމްކުރުމާއި، ޢަސްކަރީ މައްސަލަތައް ބެލުމުގައި ޢަސްކަރީ ސިފަތަކާއި އާދަކާދަތަކާއި ހުނަރާއި ފަންނު ލިބިގެންވާ ފަނޑިޔާރުން ގޮތްނިންމުމަށް މަގުފަހި ކުރުމުގެ ގޮތުން އެކަމަށް ތަޙްޞީސް ވެގެންވާ ޢަސްކަރީ ކޯޓެއް ޤާއިމަކީ ވެސް މިފަދަ ޤާނޫނެއް ހެދުމުގެ މަޤްސަދެކެވެ.

އަސްކަރީ ކޯޓެއް ޤާއިމްކޮށް ސިފައިން ކުރާ ކުށްތައް ބަލާ ތަހްޤީޤް ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަށް ޚާއްސަ ޤާނޫނެއް ޑްރާފްޓްކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްވެސް ވަނީ ރާއްޖޭގައި އަސްކަރީ ކޯޓެއް ޤާއިމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ 83ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިފައިންގެ ތެރޭގައި އުފެދޭ މައްސަލަތަކުގައި ކަންކަން ނިންމުމަށް އަސްކަރީ ކޯޓެއް ރާއްޖޭގައިވެސް ހުންނަންޖެހޭ ކަމަށެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ އަހަރުގެ ތެރޭގައި މުހިއްމު ބިލްތަކެއް ޑްރާފްޓްކޮށް އޭޖީ އޮފީހަށް ވަނީ ފޮނުވާފައެވެ. އެގޮތުން ގައުމީ ސަލާމަތާ ބެހޭ ބިލަކާއި ޒުވާނުންގެ މެދުގައި ޤައުމީ ރޫޙް އާލާ ކުރުމުގެ ބިލެއް ޑްރާފްޓް ކުރުމަށްފަހު އޭޖީ އޮފީހަށް ޑިފެންސް މިނިސްޓްރީން ވަނީ ފޮނުވާފައެވެ.

ޑިފެންސް މިނިސްޓްރީގެ ފަރާތުން މުހިއްމު ޤާނޫނުތަކެއް ހެދުމަށް ޑްރާފްޓުކޮށް އޭޖީ އޮފީހަށް ފޮނުވާފައިވާއިރު 2014ވަނަ އަހަރުގެ މާރޗް މަހުގެ ހަވަނަ ދުވަހު ސަރުކާރުން ވަނީ މިފަސް އަހަރުގެ ލެޖިސްލޭޓިވް އެޖެންޑާ އިފްތިތާޙްކޮށްފައެވެ. ލެޖިސްލޭޓިވް އެޖެންޑާގައި 2014 އިން 2018 އަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ 207 ބިލެއް ހިމަނާފައިވާއިރު މުޅިން އަލަށް އެކުލަވާލަން ނިންމާފައިވާ 98 ޤާނޫނެއްގެ ބިލާއި މިހާރު އަމަލުކުރަމުންދާ ޤާނޫނުތަކުގެ ތެރެއިން އިސްލާހު ގެނައުމަށް ނުވަތަ އުވާލުމަށް ބޭނުންވާ ގާނޫނުތަކާ ގުޅޭ 108 ބިލެއް ހިމެނެއެވެ. މި އެޖެންޑާގައި ބިލްތައް ބަހާލާފައިވަނީ ކޮންމެ އަހަރެއްގެވެސް ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް އެ އަހަރެއްގައި ބިލްތައް ހުށަހެޅުމުގައި އިސްކަންދޭނެ ތަރުތީބެއް ކަނޑައަޅައި އެ ތަރުތީބުންނެވެ.