ދީން

"ކެތްތެރިކަމަކީ އަޚްލާޤީ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ކަމެއް"


ކެތްތެރިކަމަކީ ވަރަށް ގިނަ އަޚްލާޤީ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ސިފައެއްކަމަށާއި، އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މިފަދަ ސިފައެއް ލިބިގަތުމަށް އަޅުގަނޑުމެން ގަދަ އަޅައި މަސައްކަތްކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ. ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ޚާއްސަކޮށްފައިވަނީ "އިސްލާމްދީނަކީ ރިވެހި އަޚްލާޤުގެ ދީން" މި މައުޟޫޢުއަށެވެ. 

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ ހާއްސަކޮށްފައިވަނީ "އިސްލާމްދީނަކީ ރިވެހި އަޚްލާޤުގެ ދީން" މި މައުޟޫޢުއަށެވެ. އެގޮތުން އިސްލާމްދީނަކީ އިންސާނާގެ ޙަޔާތުގައި ރިވެތި އަޚްލާޤާއި މަތިވެރި ސުލޫކު އުނގަންނައިދިނުމަށް މާތް ﷲ ބާވައިލެއްވި އެންމެފަހުގެ ދީންކަމަށާއި، އިސްލާމްދީން ނޫން އެހެން ދީނެއް އެކަލާނގެ ޙަޟްރަތުގައި ޤަބޫލުވެވިގެންނުވާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އިސްލާމްދީނުގައި ރިވެތި އަޚްލާޤީ ސިފަތަކަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭ، މަންފާހުރި ސިފަތަކަކަށްވީއިރު، ބައެއް މުސްލިމުންގެ އުޅުމުން އެމާތް ސިފަތައް އެކަށީގެންވާ މިންވަރަކަށް މިއަދު ފެނިގެންނުދާކަމީ ހިތާމަކުރަންޖެހޭކަމެއް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ ކެތްތެރިކަމަކީ ވަރަށް ގިނަ އަޚްލާޤީ އުނި ސިފަތަކުން ސަލާމަތްކޮށްދޭ ސިފައެއްކަމަށާއި، މުސްލިމުން އެ ސިފަ ލިބިގަތުމަށް ކީރިތި ޤުރްއާނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަމަށްވެސް ޚުޠުބާގައި ވަނީ ބަޔާންކޮށްފައެވެ.

މިއަދުގެ ޚުޠުބާގައި ވަނީ މުއުމިނުންނަކީ މި ދުނިޔޭގައި އެކި އެކި ދަތިތަކާއި ކުރިމަތިކުރައްވައި އިމްތިޙާނު ކުރެއްވޭނެ ބައެއްކަން ފާހަގަކޮށް، އެފަދަ ކޮންމެ ޙާލެއްގައިވެސް އެ މީހުންގެ ރިވެތި އަޚްލާޤުގެ ސިފަތައް ފާޅުކުރުމަށް ގޮވާލާފައެވެ. އަދި އެފަދަ ހާލަތްތަކުގައި ކެތްތެރިކަމާއެކީ ޢިއްފަތްތެރިވާންޖެހޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

"އަތްމަތި ދަތިކަމެއް ނުވަތަ ބަނޑުހައިހޫނުކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު، އެހެން މީހުން ނުހަނު ބުރަ މަސައްކަތްކޮށްގެން ހޯދާފައި ހުންނަ ޙަލާލު މުދާ ފޭރުމަކީ ނުވަތަ ވަގަށް ނެގުމަކީ ނުވަތަ ކޯޓު މެދުވެރިކޮށް ތިމާގެ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމާއި، ދައްކާ ޙުއްޖަތުގެ ވަރުގަދަކަމުން އަތުލުމަކީ ހުއްދަވާނެ ކަންކަމެއް ނޫން. އިސްލާމްދީނަކީ އެންމެ މާތް ދީންކަމުގައި އަހަރުމެން ބުނަމުން ގެންދާއިރު، އިސްލާމީ މުޖުތަމަޢުތަކުން މިއަދު މި ފެންނަ އަޚްލާޤީ މިންގަނޑު ދަށް، ނޭދެވޭ ސިފަތަކަކީ އެ މާތް ދީނާމެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވާނެ ފަދަ ކަމެއް. މިއަދުގެ މައިންބަފައިންނާއި ޒުވާނުން އެކަން އެހެންވިޔަ ދީގެންނެއް ނުވާނެ. އެއާ ޚިލާފަށް މިއަދު އަހަރެމެން ވާންޖެހޭނީ އިސްލާމްދީން ގެނެސްދިން ރީތި އަޚްލާޤުގެ ސަފީރުންނަށް. އެ އަޚްލާޤުގެ ދިރިހުރި ނަމޫނާތަކަކަށް" ހުކުރު ޚުޠުބާގައި ވެއެވެ.

ޤައުމުގެ ތަރައްޤީގައި ޒުވާނުންގެ ޙިއްސާ ބޮޑުކަން ފާހަގަކުރައްވާ، ޚުޠުބާގައި ބުނެފައިވަނީ ޒުވާނުންނަކީ ފައިދާއެއްނެތް ބޭކާރު ކަންކަމާއި، ގެއްލުން ހުރި ފިކުރުތަކުގެ ތެރެއަށް ވަދެ، އިސްލާމްދީން ތަރުޙީބުނުދޭ ނޭދެވޭ ސިފަތައް އަށަގެންފައިވާ ބަޔަކަށް ވެގެންނުވާނެކަމަށެވެ. އަދި ރިވެތި އަޚްލާޤަކީ ޤައުމެއް ތަރައްޤީވެ ކުރިއެރުމުގައި އެންމެ ފާހަގަކުރެވޭ ނިޝާންކަމަށާއި، ރިވެތި އަޚްލާޤީ ސިފަތަކެއްނެތްނަމަ އެބަޔަކީ ކުރިއަރާފައިވާ ބައެއްކަމަށް ނުބެލެވޭނެކަމަށްވެސް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

"އަހަރުމެންގެ ފަޚުރުވެރި މާޒީގައި އިސްލާމީ އުންމަތަށް ފައިދާހުރި ފަންނާއި ހުނަރުތަކުގައި އެބައިމީހުން ކުރިއަރައިދިޔަ ފަދައިން، މިއަދު އަޚްލާޤީ ގޮތުންވެސް އެންމެ ކުރި ހޯދަން މަސައްކަތް ކުރަންޖެހޭނެ. ވައްކަންކުރުމާއި، ފޭރުމާއި، ނުސީދާ މަގުތަކުން ކައިބޮއި، އުނުފޭރާން ލައި، ބޯހިޔާކޮށް އުޅުމަކީ ރިވެތި އަޚްލާޤީ ސިފަތަކެއް ނޫން. މުސްލިމުން މިފަދަ ހުރިހައި ބޭނުންމެއް ފުއްދަންވާނީ އެ މީހުންގެ އަމިއްލަ މަސައްކަތުން ނުވަތަ ޙަލާލު ގޮތުގައި ހޯދާ ތަކެތިން" ހުކުރު ޚުޠުބާގައި ވެއެވެ.

އަބުރުވެރި ރީތި ދިރިއުޅުމެއް އުޅުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާކަމެއްކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ބަހާއި، ޢަމަލާއި، ދޭދޭ އަފްރާދުންގެ މެދުގައި ކުރާ މުޢާމަލާތްތައް އިސްލާމްދީން ގެނެސްދީފައިވާ ރިވެތި އަޚްލާޤީ މިންގަނޑުގައި ދެމެހެއްޓުމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލާފައިވެއެވެ.