މާފުށީ ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ބާއްވާ ރާޅުގުޑި ހަރަކާތުގެ މީޑިޔާ ޕާރޓްނަރަކަށް ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ މޯލްޑިވްސް ޓީވީ ހަމަޖައްސައިފިއެވެ. މިކަން ހަމަޖައްސާ މިއަދު ވަނީ މާފުށި ޑައިވް އެންޑް ވޯޓަރ ސްޕޯޓްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ ޑިރެކްޓަރ މާކެޓިން އެންޑް އީކޮމާރސް އިބްރާހިމް ނަސްރީން އެވެ. މާފުށި ޑައިވް އެންޑ ވޯޓަރ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ މުޙައްމަދު ފާސިރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑިރެކްޓަރ މާކެޓިން އެންޑް އީކޮމާރސް އިބްރާހިމް ނަސްރީން ވިދާޅުވީ މިފަދަ ޙަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމްއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ މަޤްސަދުގައި ކަމަށެވެ. އެގޮތުން މި ޙަރަކާތުގެ ކަވަރޭޖް ޕީއެސްއެމްގެ މޯލްޑިވްސް ޓީވީން ހެދުމަށްފަހު މުޅި ދުނިޔެއަށް ދައްކާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ފަތުރުވެރިކަން ކޮންސިއުމަރ މާކެޓަށް ޓެޕް ކުރުމުގެ މަޤްސަދުގައި މިފަދަ ޙަރަކާތްތަކުގެ މީޑިއާ ޕާޓްނަރަކަށް އަޅުގަނޑުމެން ވާން ބޭނުންވަނީ" ނަސްރީން ވިދާޅުވިއެވެ.
މާފުށި ޑައިވް އެންޑް ވޯޓަރ ސްޕޯޓްސްގެ މުޙައްމަދު ފާސިރު ވިދާޅުވީ މި ޙަރަކާތަކީ ރާއްޖޭގައި މުޅިން އަލަށް ބާއްވާ ޙަރަކާތެއް ކަމަށެވެ. އަދި މި ޙަރަކާތުގައި އުމުރުން ވަރަށް ހަގު ކުދިންވެސް ބައިވެރިވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މި ޙަރަކާތުގައި ޖުމްލަ 30 ބައިވެރިން ބައިވެރިވާއިރު އެ ހުރިހާ ބައިވެރިންނަކީވެސް ދިވެހިންނެވެ.
"އަޅުގަނޑުމެންގެ މަގްސަދަކީ ޒުވާނުން މިކަމަށް ޝައުގުވެރިކަން އުފެއްދުން. އަދި ދުނިޔޭގެ ގައުމުތަކުގެ މިފަދަ ކަންކަން ކުރާ ފަރާތްތަކަށް ރާއްޖެއަކީ ރީތި މަންޒިލެއް ގޮތުގައި ދެއްކުމާއި މިކަމަކީ ރާއްޖޭގައިވެސް ކުރެވޭ ކަމެއްކަން އެންގުން ހަރަކާތުގައި މަޤްސަދަކީ" ފާސިރު ވިދާޅުވިއެވެ.
މި ޙަރަކާތް އޮންނާނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.