ވިޔަފާރި

2017 - ވައިގެ ދަތުރުފަތުރުގައި އެންމެ ރައްކާތެރި އަހަރު


މިދިޔަ އަހަރަކީ ވައިގެ ދަތުރުފަތުރުގައި އެންމެ ރައްކާތެރި އަހަރުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޑަޗް އޭވިއޭޝަން ކޮންސަލްޓަންސީއާއި އޭވިއޭޝަން ސޭފްޓީ ނެޓްވޯކުން އާއްމުކުރި ރިޕޯޓެއްގައިވާ ގޮތުން، މިދިޔަ އަހަރު ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ކޮމާޝަލް އެއްވެސް މަތިންދާބޯޓަކަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެފައެއްނުވެއެވެ. އެހެންކަމުން މިދިޔަ އަހަރު ކޮމާޝަލް އެއްވެސް ބޯޓެއް ވެއްޓި، މީހަކު މަރުވުމުގެ ހާދިސާއެއް ނުހިނގާކަމަށް އެރިޕޯޓުގައިވެއެވެ.

އޭގެ ކުރީ އަހަރު ޕަސިންޖަރުން ގޮވައިގެން ދަތުރުކުރާ ކޮމާޝަލް އެއަރލައިންތަކަށް ދިމާވި ނުރައްކާތެރި ހާދިސާތައް 16 އަށް އަރާއިރު، މިހާދިސާތަކުގައި 303 މީހަކު މަރުވެފައިވެއެވެ.

މިދިޔަ އަހަރު ކޮމާޝަލް އެއަރލައިނަކަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތި ނުވިޔަސް، ބައެއް ކާގޯ ފްލައިޓްތަކާއި އަމިއްލަ ދަތުރުތައް ކުރާ ކުދި އެއަރކްރާފްޓްތަކަކަށް ވަނީ ނުރައްކާތެރި ހާދިސާތަކެއް ދިމާވެފައެވެ. މިގޮތުން ހިނގި 10 ހާދިސާއެއްގައި 79 މީހަކު މަރުވެފައިވެއެވެ. މިދިޔަ އަހަރު ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއަކީ ތުރުކީ ކާގޯ އެއަރކްރާފްޓެއް ކްރިގިސްތާނުގެ އަވަށަކަށް ވެއްޓި ހިނގި ހާދިސާއެކެވެ. އެހާދިސާގައި ބޯޓުގައި ތިބި 4 ފަޅުވެރިންނާއި ބޯޓު ވެއްޓުނު ސަރަޙައްދުގައި ތިބި 35 މީހަކު މަރުވިއެވެ.