ޚަބަރު

ބޮޑުކުރި މުސާރަތައް ކަނޑައެޅުމުގެ މަޝްވަރާތައްދަނީ ކުރިޔަށް




ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭ ގޮތުން ކަމާ ގުޅޭ ދާއިރާތަކާއި އެކު މަޝްވަރާކުރަމުންދާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 234 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ، މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭ ގޮތުން ކަމާބެހޭ އިދާރާތަކާއި އެކު މަޝްވަރާކުރަމުން ގެންދާ ކަމަށާއި މި މަޝްވަރާތަކަށްފަހު މުސާރަޔަށް ގެންނާނެ މައިގަނޑު ބަދަލުތަށް ކަނޑަޅާނެ ކަމަށެވެ.

ސިވިލް ސަރވިސްގައި ބާވީސް ހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދެއެވެ.

ސަރުކާރަށް ހަތަރު އަހަރުން ފުރުން ފާހަގަކުރުމަށް މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ، ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށްވެސް 37 އިންސައިތައިގެ ކުރިއެރުމެއް މުސާރައަށް ލިބިގެންދާނެކަމަށެވެ. 

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި ސިވިލް ސަރވިސްގެ ތަފާތު ފަންނީ ދާއިރާތަކުގެ އޮނިގަނޑުތައް ތައްޔާރުކުރެވި، މުސާރައާއި އެލަވަންސްތަކަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޓީޗަރުންނާއި، ޑޮކްޓަރުންނާއި، އިމިގްރޭޝަން އޮފިސަރުންނާއި، މީޓްރޮލޮޖިކަލް ސަރވިސްގެ މުވައްޒަފުންނާއި، ވަކީލުންނާއި،  އޭވިއޭޝަން ކޮމާންޑްގެ މުވައްޒަފުންގެ މުސާރައާ އެލަވަންސް ބޮޑުކޮށްދީފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ. މިއީ ސިވިލް ސަރވިސް މުވައްޒަފުންގެ ޖުމްލަ އަދަދަށް ނިސްބަތްކުރާއިރު 47 އިންސައްތަ ކަމަށްވެސް ކޮމިޝަނުން ބުނެއެވެ.