ތަޢުލީމު

ދިރާސީ އާ އަހަރަށް ތަޢުލީމީ ދާއިރާ ތައްޔާރުވެއްޖެ


ދިރާސީ އައު އަހަރަށް ތަޢުލީމީ ދާއިރާއިން އިންފްރާސްޓްރަކްޗަރގެ ގޮތުން ބޮޑެތި ތައްޔާރުތަކެއް ކޮށް ނިންމައިފިއެވެ. ކިޔެވުން ފަށާއިރު 3 ސްކޫލެއްގައި މުޅިން އާ ޢިމާރާތްތަކުގައި ކިޔަވައިދޭން ފަށަން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި އިތުރު 18 ސްކޫލެއްގައި ޢުމްރާނީ އިތުރު ތަރައްޤީގެ އާ ވަޞީލަތްތައް ޤާއިމްކުރެވިފައި ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުންފެށުމަށް ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ނިންމަމުންނެވެ. މިއަހަރު ސްކޫލްތައް ފަށާއިރު 3 ސްކޫލެއްގައި މުޅިއަން އައު ޢިމާރާތްތަކުގައި ކިޔަވައިދޭން ފަށަން ހަމަޖެހިފައިވާކަމަށް އެޑިއުކެޝަން މިނިސްޓްރީން ބުނެއެވެ. އެއީ އަމީނިއްޔާ ސްކޫލާއި، ށ. މިލަންދޫ ސްކޫލާއި އައްޑޫ ސިޓީ ނޫރާނީ ސްކޫލްގައި އަލަށް ޢިމާރާތްކުރު ބައިތަކެވެ. އެގޮތުން މި ތިން ސްކޫލްގައި 90 ކްލާސްރޫމާއި 110 ފާޚާނާއާއި 4 ލައިބްރަރީ ހިމެނެއެވެ. އަދި 6 ސައިންސް ލެބާއި 2 ކޮމްޕިއުޓަރ ލެބާއި 3 ސްޓާފްރޫމް ޤާއިމްކޮށްފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެެވެ. މީގެއިތުރުން 2018 ވަނަ އަހަރުގެ ކިޔެވުން ފަށާއިރު، އިތުރު 18 ސްކޫލެއްގައި ޢުމްރާނީ އެކި މަސައްކަތްތައް ކޮށް ނިންމައި، އިތުރު ވަޞީލަތްތައް ޤާއިމްކޮށް ނިންމައި ބޭނުންކުރަން ފަށާނެކަމަށް މިނިސްޓްރީން ބުނެއެވެ. އާ ދިރާސީ އަހަރު ފެށެންވާއިރަށް، ސްކޫލްތަކުގެ ޢުމްރާނީ ތަަަރައްޤީގެ ބައެއް ކަންކަން ނިންމުމަށް ދުއިސައްތަ ފަންސާސް ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ޕީއެސްއެމްނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޢަބްދުﷲ އިބްރާހީމް ވިދާޅުވީ މި ފަސްއަހަރަކީ ތަޢުލީމީ ދާއިރަގައި ބޮޑެތި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާ ފަސްއަހަރުކަމަށެވެ. ތަޢުލީމީ ދާއިރާއަށް ބޭނުންވާ މުހިންމު މަސައްކަތްތަކެއް ފަހުގެ ތާރީޚަށް ބަލާއިރު ކޮންމެ އަހަރަކުވެސް ކުރެއެވެ. 

"މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް، ވަޞީލަތްތައް ހަމަ މަޤްބޫލް ސްކޫލް ޤާއިމްކޮށްދިނުން.. މި ސިޔާސަތު.. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް 96 ސްކޫލެއްގައި 566 ކުލާސްރޫމާއި 11 ހޯލާއި 11 ލައިބްރަރީއާއި 7 ކޮމްޕިއުޓަރ ލެބާއި 15 ސައިންސް ލެބާއި 14 ސްޓާފްރޫމާއެކު، ސްކޫލްތަކަށް ބޭނުންވާ ގިނަ ވަޞީލަތްތައް ވަނީ ޤާއިމްކޮށްދެވިފައި. މީގެތެރޭގައި މުޅިން އަލަށް ޢިމާރާތްކުރެވުނު 7 ސްކޫލް ބިލްޑިންގ ހިމެނޭ. އެއީ އަމީނިއްޔާ ސްކޫލާއި ށ. މިލަންދޫ ސްކޫލާއި ނޫރާނީ ސްކޫލް (އައްޑޫ ސިޓީގެ ހިތަދޫ) އާއި މިހަރުވެސް މަަސައްކަތް ހިނގަމުންދާ ރެހެންދި ސްކޫލާއި ދަރުމަވަންތަ ސްކޫލްގެ ވަގުތީ ޢިމާރާތާއި ހަނިމާދޫ ސްކޫލް އަދި ށ. ފޭދޫ ސްކޫލްގެ ޢިމަރާތްތައް ހިމެނޭ." މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޑިރެކްޓަރ ޢަބްދުﷲ އިބްރާހީމް ވިދާޅުވިއެވެ. 

2017 ވަނަ އަހަރު 27 ސްކޫލަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުގެ މަސައްކަތް ފެށިއެވެ. 2018 ވަނަ އަހަރުގެ ކިޔެވުންފެށޭއިރު މީގެ ތެރެއިން 18 ސްކޫލެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މީގެ ތެރެއިން 8 ސްކޫލެއްގައި ފަށާފައިވާ އެކިއެކި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުގެ މަސައްކަތައް ނިންމައި މިިދިޔަ އަހަރު ވަނީ ބޭނުންކުރަން ފަށާފައެވެ.