މަތީ ތައުލީމު ހާސިލްކުރުމަށް ސަރުކާރުން ހުޅުވާލި 2050 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިވެހިރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަަކަށް ޢަމާޒުކޮށްގެން ފަންނީ ދާއިރާއިން މީހުން ތަމްރީންކުރުމަށް ސަރުކާރުން ހުޅުވާލި 2050 ސްކޮލަރޝިޕްގެ ތެރޭގައި ދިހަ ދާއިރާއަކުން ސްކޮލަރޝިޕްތައް ހިމެނެއެވެ.
ތަޢުލީމީ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުން ސަރުކާރުން ކުރާ މަސައްކަތު ގެދަށުން މި އަހަރަށް ޢަމާޒުކޮށްގެން ތަޢުލީމީ ދާއިރާއިން 3050 ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ. މީގެތެރޭގައި ހިމެނިފައިވަނީ 1000 ލޯނު އެހީގެ ފުރުސަތާއި 2050 ސްކޮަލަރޝިޕްގެ ފުރުސަތުއެވެ. ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލަފައިވާ 2050 ސްކޮލަރޝިޕް އިފްތިތާޙްކޮށްފައިވަނީ ނިމުނު ޑިސެމްބަރުމަހުގެ 21ވަނަ ދުވަހު.
މި ފުރުސަތުތަކުގެ ދަށުން ރާއްޖޭގެ ކޮލެޖުތަކާއި ޔުނިވަރސިޓީތައް އަދި ތަފާތު އިންސްޓިޓިއުޓްތަކުގައި ހިންގާ ޕްރޮގްރާމުތަކުގައި ކިޔެވުމަށް އެ ސްކޮލަޝިޕުން ފުރުސަތު ދޭނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ. "ޕްރޮމޯޓިން ސްކިލްސް ފޯރ ދަ ފިއުޗަރ" ނަމުގައި ހުޅުވާލާ މި ސޮކްލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައިމަހުގެ 31 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
ސަރުކާރުން ހުޅުވާލި 2050 ފުރުސަތުގެ ތެރޭގައި ހިމަނާފައިވާނީ ސެޓްފިކެޓް ލެވެލްގެ 1200 ފުރުސަތާއި 850 ޑިޕްލޮމާ ލެވެލްގެ ފުރުސަތުއެވެ. ކޯސްތަކަށް ހުލުވާލާފައިވަނީ މައިގަނޑު ދިހަ ދާއިރާއަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ތަޢުލީމީ ދާއިރާއާއި، ސިއްޙީ ދާއިރާއާއި، ވިޔަފާރިއާއި ޤާނޫނީ ދާއިރާއާއި، އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއާއި، ކޮންސްޓްރަކްޝަން ދާއިރާއާއި އިންޖިނިއަރިން ދާއިރާއާއި، ސޯޝަލް ސައިންސާއި ނޫސްވެރިކަމާއި، އާޓްސް އެންޑް ހިއުމެނިޓީސްއާއި، ދަނޑުވެރިކަމާއި މަސްވެރިކަމާއި ގުޅުންހުރި ދާއިރާތަކެވެ. އެންމެ ގިނަ ކޯސްތައް ޢަމާޒުކޮށްފައިވަނީ އިންފޯރމޭޝަން ޓެކްނޮލޮޖީއާއި، ސިއްޙީ ދާއިރާއާއި، ކޮންސްޓްރަކްޝަން އަދި އާއްމު އެކިއެކި ދާއިރާތަކުން ހުޅުވާލާފައިވާ ކޯސްތަކަށެވެ. އެގޮތުން ސިއްހީ ދާއިރާއިން 400 ފުރުސަތާއި، އައިޓި ދާއިރާއިން 325 ފުރުސަތާއި، ކޮންސްޓްރަކްޝަން ދާއިރާގެ 350 ފުރުސަތާއި، ތަޢުލީމީ ދާއިރާގެ 170 ފުރުސަތާއި އާއްމު އެކިއެކި ދާއިރާތަކުން 350 ފުރުސަތު ހިމެނެއެވެ. މި ސްކޮލަރޝިޕް ފުރުސަތުގެ ދަށުން ކިޔަވާ ކޯހާއި، ކޮލަޖަށް ނުވަތަ ޔުނިވަރސިޓީއަށް ދައްކަން ޖެހޭ ޓިއުޝަންފީތައްވެސް ދައްކާގޮތަށް ހަމަޖެހިފައިވަނީ ސަރުކާރުންނެވެ.
މި ކޯސް ފުރިހަމަށްކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑެއް އެކުލަވާލެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެއެވެ. އަދި މި ޕްރޮގްރާމަކީ ރާއްޖޭގައި ހިންގޭ ބޮޑެތި މަޝްރޫޢުތަކަށް ތަފާތު ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމަށް ހުޅުވާލާފައިވާ ޕްރޮގްރާމަކަށްވުމުން ކިޔަވާ ކުދިން މަޢުލޫމާތު ބޮޑެތި މަޝްރޫޢުތައް ހިންގާ، މުޢައްސަސާތަކާއި ހިއްސާ ކުރާނެކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.