ވިޔަފާރި

ސްޕޮޓިފައިއާ ދެކޮޅަށް 1.6 ބިލިއަން ޑޮލަރުގެ ދަޢުވާއެއް!


ލަވަޔާއި މިއުޒިކް އޮންލައިންކޮށް އަޑުއެހުމަށް ގިނަ ބަޔަކު ބޭނުންކުރާ "ސްޕޮޓިފައި"އާ ދެކޮޅަށް 1.6 ބިލިއަން ޑޮލަރުގެ ދަޢުވާއެއް އުފުލައިފިއެވެ.

ސްޕޮޓިފައިއާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ، މަޝްހޫރު އެތައް ލަވަކިޔުންތެރިންނާއި ބޭންޑުތަކުގެ މިއުޒިކާއި ލަވައިގެ ކޮޕީރައިޓްސްގެ ކަންކަން ބަލަހައްޓާ، ވިޒެން މިއުޒިކް ޕަބްލިޝިންގއިންނެވެ. އެކުންފުނިން ހުށަހެޅި މައްސަލައަކީ ހުއްދަ ނުހޯދައި، އަދި ރޯޔަލްޓީ ނުދައްކާ އެކުންފުނިން ބަލަހައްޓަމުންދާ އާރޓިސްޓުންގެ ލަވައާއި މިއުޒިކް ބޭނުންކުރުމެވެ.

ސްޕޮޓިފައިއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ދިހަހާހަށްވުރެ ގިނަ ލަވަ މިގޮތަށް ބޭނުންކުރިކަމަށް ބުނެފައިވެއެވެ. އަދި ބަދަލެއްގެ ގޮތުން ކޮންމެ ލަވައަކަށް ސަތޭކަ ފަންސާސް ހާސް ޑޮލަރު ހޯދުމަށް ވަނީ ހުށަހަޅާފައެވެ.

ސްވިޑަންއަށް ނިސްބަތްވާ ސްޕޮޓިފައި ކުންފުނިން މިކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނުބުނެއެވެ.

މީގެ ކުރިންވެސް އެކުންފުންޏަށް ވަނީ މިފަދަ މައްސަލަތަކެއް ކުރިމަތިވެފައެވެ. މިދިޔަ މޭމަހު ހިނގި މިފަދަ ކަންތައްގަނޑެއްގައި އެކުންފުނިން ބަޔަކަށް 43 މިލިއަން ޑޮލަރު ދޭންޖެހުނެވެ. އަދި އިތުރު 3 މައްސަލައެއް ކޯޓުގައި މިހާރުވެސް ހިނގަމުން އެބަދެއެވެ.