ކުޅިވަރު

ގްރީން ސްޓްރީޓްސްގެ ކޯޗަކަށް ސުޒޭން!


މިއަހަރު ގްރީން ސްޓްރީޓްސްއިން ފެނުމުގެ ފުރުޞަތު އެބައޮތްކަމަށް ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

 ސުޒޭން ގްރީން ސްޓްރީޓްސްއާ ހަވާލުވާކަމުގެ ވާހަކަތައް ފެންމަތިވެފައިވާތީ އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭން ބުނީ ގްރީން ސްޓްރީޓްސްއިން ވާހަކަ ދެއްކި ކަމަށާއި، އެދުވަސް ވަރު އޭނާ ރަށުގައިވެސް ނެތުމުން ވާހަކަތައް ކުރިއަށްނުގޮސް މަޑުޖެހިފައިވާކަމަށެވެ. ގްރީންސްޓްރީޓްސްގެ އިތުރުން ކްލަބް އީގަލްސްއިންވެސް ކުރިން ވާހަކަދެއްކި ކަމަށާއި، ނަމަވެސް ފަހުން އީގަލްސްގެ ޚަބަރެއް ނުވާކަމަށް ސުޒޭން ބުންޏެވެ. މިދިޔަ ސީޒަންގައި ވިކްޓްރީގެ އިތުރުން ތިނަދޫއަށްވެސް އިރުޝާދުދިން ކޯޗު ބުނީ މިއަހަރުވެސް އޭނާ ޓީމަކުން ފެންނާނެކަމަށެވެ.

" އެމީހުން (ގްރީން ސްޓްރީޓްސް ) ވާހަކަދެއްކި. އެދުވަސްކޮޅު ރަށުގައިވެސް ނުހުރެވުމާއެކު މަޑުޖެހިފަ އޮތީ. ކުރިން އީގަލްސްއިންވެސް ވާހަކަދެއްކި. ފަހުން އެމީހުން ޚަބަރެއްނުވޭ. މިއަހަރުވެސް ޓީމަކުން ފެންނާނެ. ގްރީންސްޓްރީޓްސްއިން ފެނުމުގެ ފުރުޞަތު ބޮޑީ " ސުޒޭން ބުންޏެވެ.

ފާއިތުވި ސީޒަންގައި ގްރީންސްޓްރީޓްސްއަށް އިރުޝާދުދިނީ ޤައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ޞޮބާހު މުޙައްމަދެވެ. ޞޮބާގެ އިރުޝާދުގެ ދަށުން މާލޭ ލީގުގެ ދެވަނަ އެޓީމް ހޯދި ނަމަވެސް ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ފުރުޞަތެއް ނުލިބުނެވެ. އަދި ލީގަށްފަހު ޕްރެޒިޑެންޓްކަޕާއި، އެފްއޭކަޕްގެ ކުރިން ގްރީންއިން ވަނީ ޞޮބާ ވަކިކޮށްފައެވެ. ނަމަވެސް ޞޮބާ ބުނީ އޭރު އޭނާ އޮތީ ލްލަބް ދޫކޮށްލަން ނިންމާފަކަމަށެވެ.

މިދިޔަ ސީޒަންގައި ގްރީންއަށް ކުޅުނު ބައެއް ކުޅުންތެރިން މިހާރު ވަނީ އެކްލަބް ދޫކޮށް މާޒިޔާއަށްވެސް ބަދަލުވެފައެވެ.