ޚަބަރު

ޑިފެންސް ކޮލެޖުގެ ދަރިވަރުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި


ހއ.ދިއްދޫގައި ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ހިންގާ ސެޓިފިކެޓް ތްރީ އިން މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގެ ދަރިވަރުންނާ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ބައްދަލުކުރައްވައިފިއެވެ.

ދިއްދޫ އަތޮޅުގޭގައި ބޭއްވި މި ރަސްމިއްޔާތުގައިވަނީ މި ކޯހުގައި ކިޔަވަމުން އަންނަ ދަރިވަރުން ކޮށްފައިވާ ބައެއް މަސައްކަތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. 

މި ރަސްމިއްޔާތުގައި ކޯހުގެ ދަރިވަރުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ދަރިވަރުންގެ މަސައްކަތްތައް ކައިރިން ބައްލަވާލެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ތަފާތު އިޙުސާސްތަކެއް ކުރެއްވުނު ކަމެއް ކަމަށެވެ. އަދި މިކޯހުގެ ފައިދާ ދަރިވަރުންނަށް ކޮށްފައިވާ މިންވަރު އެނގިވަޑަގަތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

"ޒުވާން ހީވާގި ކުދިން މިފަދަ މަސައްކަތްތަކަށް ބަހައްޓާ ޝައުގުވެރިކަމަކީ އަޅުގަނޑު އުފާކުރާކަމެއް. ރަނގަޅު މުޖުތަމައެއް ބިނާކުރުމަކީ އަޅުގަނޑުމެން އަބަދުވެސް އެންމެބޮޑު އިސްކަމެއް ދީގެންކުރާ މަސައްކަތް،" ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވިއެވެ.

މިއީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފުރުސަތު ހުޅުވާލާފައިވާ ކޯހެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މިއީ ސަރުކާރުން ޚާއްސައެހީއަށް ބޭނުންވާ މީހުންނަށްދޭ އިސްކަން ހާމަވެގެންދާކަމެއް ކަމަށެވެ. 

img:http://s1.psmnews.mv/images/660x400/15149033975418.jpg|

ހއ. އަތޮޅު ކައުންސިލާއި، ދިއްދޫ ކައުންސިލާއި އެމްއެންޑީއެފްގެ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސް ގުޅިގެން ހިންގާ ސެޓިފިކެޓް ތްރީ އިން މަލްޓި މީޑިއާ އެންޑް ވެބް ޑިޒައިނިންގ ކޯހުގައި ޖުމްލަ 280 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އޭގެ ތެރޭގައި ޚާއްސައެހީއަށް ބޭނުންވާ މީހުންވެސް ކިޔަވަމުންދާކަން ފާހަގަކޮށްލެވެއެވެ.