ދީނާއި އަޅުކަން

ޤުރުއާނާބެހޭ މަރުކަޒުގެ އަތޮޅުތަކުގެ ގޮފިތަކަށް ބޭރުގެ ޙާފިޒުން


ކީރިތި ޤުރުއާނުގެ ޢިލްމު ފުޅާކޮށް، ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވަރަށް ގިނަ މަސައްކަތް ކުރެއެވެ. މި މަސައްކަތްތަކުގެ ދަށުން، އަތޮޅުތަކުގައި އެމަރުކަޒުގެ 28 ގޮތްޕެއް ހުޅުވާ ،ކީރިތި ޤުރުއާން ދަސްކޮށްދޭ ކްލާސްތައް ހިންގައެވެ. މި ގޮފިތަކުންދޭ ޚިދްމަތް ފުޅާކޮށް، އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ގޮފިތަކުގައި އުގަންނައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދާކަމަށް، ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ.

އަތޮޅުތަކުގައި ހުރި ގޮފިތަކުގެ ޚިދްމަތުގެ ފެންވަރު ރަނގަޅުކުުރުމަށް ކުރަމުންދާ މަސައްކަތް ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރައްވަމުން، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވަދާޅުވީ، އެ މަރުކަޒުގެ އަތޮޅުތެރޭގެ ގޮފިތަކުގައި ކީރިތި ޤުރުޢާން ދަސްކޮށްދެއްވުމަށް  ބޭރުގެ ޤާރީންނާއި، ޙާފިޒުންގެ އިތުރުން ދީނީ ޢިލްމުވެރިން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. 

އަތޮޅުތެރޭގެ ގޮފިތައް ހިންގުމަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، ދިވެހިންގެ މެދުގައި ޤުރުއާން ކިޔެވުމާއި ދަސްކުރުމުގެ ޝައުޤުވެރިކަން އިތުރުވަމުންދާކަން ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ފާހަގަކުރެއްވިއެވެ. އަތޮޅުތަކުގައި ހުރި ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒުގެ ގޮފިތަކުން ގާތްގަނޑަކަށް 200 ކުދިންނަކީ ޙިފްޒް ކުރާ ކުދިންނެވެ.

އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ ސަރުކާރުގެ ޢާމާޒަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، މަދުވެގެން އެއްރަށުގައި މަރުކަޒުގެ ގޮތްޕެއް ހުޅުވާ ކީރިތި ޤްރުއާނުގެ ޢިލްމު ފުޅާކުރުންކަމަށެވެ. އަދި ކުރިމަގުގައި ދީނީ ޢިލްމާ ގުޅުންހުރި ގިނަ ކުލާސްތަކެއް ފަށަން ޤަސްދުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ

"ކުރިމަގުގައި ޤާރީ ކްލާސްތަކުގެ އިތުރުން، ސަރުކާރުގެ ދީނީ ކަންތަތައްތަކަށް ބޭނުންވާ އިމާމުންނާއި ކަށުކަމާކެމީގެ ކަންތައްތައް ކުރާނެ މީހުން ތަމްރީން ކުރަމުންދާނެއެވެ. މީހަރުވެސް މިކަންތައްތައް ކުރަމުންދާއިރުއެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން މުދައްރިސުން ޑިގްރީ ފެންވަރަށް ކިޔަވައިދިނުމެގެ މަސައްކަތް ކުރަމުންދާކަމަށް" އަލްއުސްތާޛް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވިއެވެ.

އަތޮޅުތަކުގައި ހިންގާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތަކުގައި،ކީރިތި ޤުރުއާނުގެ ޢިލްމ ދަސްކޮށްދިނުމުގެ އިތުރުން، މިއަހަރު އިމާމުން ތަމްރީންކުރުމުގެ ޑިޕްލޮމާ ކޯސްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ.  އަތޮޅުތަކުގެ ގޮފިތަކުގެ ޚިދްމަތް ރަނަގަޅުކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު، އެހެން މިނިސްޓްރީތަކާއި ވަކި ވަކި މުއައްސަސާތަކާ ގުޅިގެންވެސް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީއާ ގުޅިގެން  ހުުޅުމާލެ ފިޔަވަތި މަރުކަޒުގެ 85 ކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ކުރިޔަށް ގެންދާ މަޝްރޫޢު ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ކީރިތި ޤުރުޢާން ހިތު ދަސްކުރާ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ކީރިތި ޤުރުއާނާބެހޭ މަރުކަޒު އުފެދުނު ފަހުން މިހާތަނަށް 50 ފަރާތަކުން ހާފިޒްކަމުގެ ސަނަދު ހާޞިލުކޮށްފައިވާކަމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ބުނެއެވެ.