ކުޅިވަރު

ޕްރިމިއާރ ލީގުގައި 97 ޤައުމެއްގެ ކުޅުންތެރިން ގޯލު ޖަހައިފި


އިނގިރޭސި ޕްރެމިއާ ލީގުގައި 97 ގައުމެއްގެ ކުޅުންތެރިން ގޯލު ޖަހައިފިއެވެ.

މި އަދަދު 97 އެރީ ބާންލޭ އަތުން ލިވަޕޫލް މޮޅުވި މެޗުގައި ޑިފެންޑަރު ރަގްނާ ކްލާވަން ގޯލު ޖެހުމުންނެވެ. އޭނާ އަކީ އެސްޓޯނިއޯ ކުޅުންތެރިންގެ ތެރެއިން އިނގިރޭސި ލީގުގައި ގޯލެއް ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.

ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ކްލާވަން ގޯލު ޖެހީ މެޗުގެ ފަހު މިނިޓްގައެވެ. މިއީ ލިވަޕޫލަށް ކުޅެދިން 34 މެޗުގައި އޭނާ ޖެހި ފުރަތަމަ ގޯލު ވެސްމެއެވެ.

ޕްރެމިއާ ލީގުގައި ގޯލު ޖަހާފައިވާ 97 ގައުމުގެ ކުޅުންތެރިންގެ ގުނާފައިވަނީ ބައިކޮޅަށް ގޯލު ޖަހާފައިވާ ކުޅުންތެރިން ނުހިމަނާއެވެ.

މި ފަހަރުގެ ލީގުގައި މިހާތަނަށް 696 ގޯލު ޖަހާފައިވާއިރު އެންމެ ގިނަ ގޯލު ޖަހާފައިވަނީ ޓޭބަލުގެ ކުރީގައިވާ މެންޗެސްޓާ ސިޓީއެވެ. އެއީ 61 ގޯލެވެ. އެންމެ މަދުން ގޯލު ޖަހާފައިވަނީ ސްވަންސީ ސިޓީއެވެ. އެ ޓީމުން ޖަހާފައިވަނީ 13 ގޯލެވެ.