ޚަބަރު

މިދިޔަ އަހަރު 200 އަށްވުރެ ގިނަ އިމާމުން ތަމްރީނުކޮށްފި




އިމާމުންނާ ޚަތީބުން ތަމްރީނުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، މިދިޔަ އަހަރު 200 އަށްވުރެ ގިނަ އިމާމުން ތަމްރީނުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި، ޙުތުބާ ކިޔާ މީހުންގެ ފެންވަރު މަތިކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގައި މާލެ އާއި އަތޮޅުތަކުން 206 އިމާމުން ވަނީ ތަމްރީނުކޮށްފައެވެ.

އިމާމުންނާ ޚަތީބުން ތާޒާކުރުމަށް ރާއްޖޭގައި ހިންގި ކޯހުގައި މާލޭ ސިޓީން 54 އިމާމުންނާއި، ފުވައްމުލައް ސިޓީން 31 އިމާމުންނާއި، އައްޑޫ ސިޓީން 47 އިމާމުންނާއި، ލ.އަތޮޅުން 30 އިމާމުން އަދި ހދ.އަތޮޅުން 32 އިމާމުން ފުރިހަމަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ސަޢުދީ އަރަބިއްޔާގައިވެސް އިމާމުން ތަމްރީނުކުރުމުގެ ޕްރިގްރާމްތަކެއް ހިންގާފައެވެ. ޞައުދީ އަރަބިއްޔާގެ މަކްތަބުއްދަޢުވާ ވަލްއިރުޝާދުން ރާއްޖޭގެ 12 އިމާމުންވަނީ މިދިޔަ އަހަރު ތަމްރީނުވެފައެވެ.

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ޕްރޮގްރާމްގައި، ޤުރުއާން، އިސްލާމީ ފިޤްޙް، މިސްކިތްތަށް ބެލެހެއްޓުމާއި، ކަށުކަމާއި ކެމީގެ ކަންތައްތައް ދަސްކޮށްދިނުމާއި، އިމާމުންގެ ގޮތުގައި މަސައްކަތް ކުރާއިރު މުޖުތަމަޢުގައި ދިމާވާ ދީނީ އަދި އިޖްތިމާޢީ އެކިއެކި މައްސަލަތަކާ ގޮންޖެހުންތައް ޙައްލުކުރާނެ ގޮތުގެ މައުލޫމާތުދެއެވެ. މީގެއިތުރުން އިމާމުންގެ ނަފްސު ކުރިއަރުވަން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ހުނަރުތައްވެސް މި ތަންރީނުތަކުގައި ކިޔާދީފައިވާނޭކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.