ކުޅިވަރު

އީގަލްސްއިން ޔޫތް ޗެމްޕިއަންޝިޕް މިލްކްކޮށްފި


ޕެނަލްޓީގައި މާޒިޔާގެ މައްޗަށް ކުރި ހޯދާ، ޔޫތް ޗެމްޕިއަންޝިޕް ކްލަބް އީގަލްސްއިން މިލްކްކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އީގަލްސް ކުރި ހޯދީ 8-7 ނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ މާޒިޔާއިން ކުރި ހޯދާފައިވަނިކޮށް، އީގަލްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތުހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހާ މާޒިޔާއަށް ކުރި ހޯދައިދިނީއިބްރާހީމް އަތީގް ހަސަންއެވެ. އޭނާ ލަނޑު ޖެހީ ފުރަތަމަ ހާފް ނިމެން ދެ މިނިޓަށް ވެފައިވަނިކޮށެވެ. އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ޠޮލާލެވެ.

ނަތީޖާ ނެރުމަށް ޖެހި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ކާމިޔާބުކުރެވުނީ 4 ޕެނަލްޓީއެވެ. ފުރަތަމަ 5 ޕެނަލްޓީގެ ތެރެއިން ފަހު ޕެނަލްޓީ ޖަހަން އީގަލްސްގެ ކެޕްޓަން ހުސެއިން ސިފާއު ޔޫސުފް ދިޔައިރު، އެޕެނަލްޓީ ކާމިޔާބުކޮށް ތަށި މިލްކްކުރުމުގެ ފުރުޞަތު އޮތެވެ. ނަމަވެސް އޭނާގެ ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. އީގަލްސްއިން ޕެނަލްޓީގައި މެޗު ކާމިޔާބުކުރީ މެޗު ނިންމަން ލިބުނު ހަތަރުވަނަ ފުރުޞަތުގައެވެ. ކޮންމެ ޓީމެއްގެވެސް 11 ކުޅުންތެރިން ޕެނަލްޓީ ޖެހި މެޗުގައި މާޒިޔާގެ ތިން ޕެނަލްޓީ އީގަލްސްގެ ކީޕަރު މަތަކުރިއެވެ. އެއްޕެނަލްޓީ ދިޔައީ ބޭރަށެވެ. އީގަލްސްގެ ދެ ޕެނަލްޓީއެއް އަމާޒުވީ ގޯލް ދަނޑިއަށެވެ. އަދި އެއް ޕެނަލްޓީ ކީޕަރު މަތަކުރިއެވެ. 

އީގަލްސްއިން ތަށި ކަށަވަރުކުރީ އެންމެ ފަހު ޕެނަލްޓީ ކީޕަރު މުޙައްމަދު އަޝްވާން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ މާޒިޔާގެ އިބްރާހީމް އަތީގްއާއި، އަބުދުﷲ ޖުނެއިދުއާއި، ކްލަބް އީގަލްސްގެ މުޙައްމަދު ނައިމްއެވެ. ފެއަރޕްލޭ ޓީމަކީ ކްލަބް އީގަލްސްއެވެ.

img:http://s4.psmnews.mv/images/660x400/15145561245145.jpg|މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިން: ފޮޓޯ-ޕީއެސްއެމް

ފައިނަލް މެޗަށްފަހު މުބާރާތުގެ އެންމެ މޮޅު ކޯޗު އީގަލްސްގެ އަހުމަދު ޝާކިރު ބުނީ ތިން ފުރުޞަތު މިސްވިޔަސް އޭނާގެ ޓީމުން ތަށި ހޯދާނެކަމުގެ ޔަޤީންކަން އޮތްކަމަށެވެ. އަދި މިއީ ވަރަށްގިނަ ބައެއްގެ މަސައްކަތް ކަމަށާއި، މިތަށްޓާއެކު އަންނަ އަހަރުގެ ސީޒަނަށްވެސް ފައިދާތަކެއް ކުރާނެކަމަށެވެ.

" މިއީ ވަރަށް ގިނަބައެއްގެ މަސައްކަތް. މެނޭޖްމަންޓާއި، ބޯޑާއި، ކުޅުންތެރިންނާއި، ކޯޗިންގ ޓީމްގެ މަސައްކަތް މިއީ. މިކާމިޔާގެ ސަބަބުން ކުރިއަށް އޮތް ސީޒަނަށް ފައިދާތަކެއް ކުރާނެ. ދެން އަންނަ ކޯޗަކަށް ކުޅުންތެރިންތަކެއްވެސް ލިބޭނެ " މިދިޔަ ދެ އަހަރުވެސް އީގަލްސްއަށް ތަށި ހޯދައިދިން ކޯޗު ބުންޏެވެ. ޝާކިރު ވަނީ ކޯޗު އިހުސާން އަބުދުލްޣަނީއާއި މުޙައްމަދު ޝިޔާޒުގެ ފަރާތުން ލިބުނު އެހީތެރިކަމާއި، ބައިވެރިވުންވެސް ފާހަގަކޮށްފައެވެ.

މިދެޓީމް ލީގު ބުރުގައި ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.