ޚަބަރު

އެފްއެސްއެމްގެ ޝެޑުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ


މާލޭގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޕެޓްރޯލް ޝެޑުތައް މާލޭ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މާލޭގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ 3 ޝެޑު އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ޙަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާއެވެ. 50 މިލިއަން ރުފިޔާގެ މިމަޝްރޫޢުގައި ފިއުލް ޝެޑާއެކު އޮފީސް އިމާރާތެއްވެސް އެޅުމަށް ހަމަޖެހިފައިވެއެވެ. އިންޑަސްޓްރިއަލް ވިލެޖުގައި އަލަށް ތަރައްޤީކުރާ ޝެޑުގައި 18 ތެޔޮ ޓޭންކު ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަޝްރޫޢުގައި އެސަރަޙައްދު ހިޔާކުރުމަށް ކެނޮޕީ ސަޕްލައިކޮށް އިންސްޓޯލްކުރުންވެސް ހިމެނެއެވެ. 

ޝެޑުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢު ނިމުމުން ކަނޑު އުޅަނދުތަކަށް ތެޔޮ އެޅޭނެ އިންތިޒާމްވެސް އެސަރަހައްދުގައި ހަމަޖެހިގެންދާނެއެވެ. އަދި މާލޭގެ ސަރަހައްދުތަކަށް ތެޔޮ އުފުލުމުގައި ބައުޒަރުތައް ބޭނުންކުރުން ހުއްޓާލާނެކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ބުނެއެވެ. ފިއުލް ސަޕްލައިސް މޯލްޑިވްސް އަކީ 2000 ވަނަ އަހަރު އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.