ކުޅިވަރު

ދިވެހި ލީގުން 10 ޓީމަށް ފުރުޞަތުދޭން ނިންމައިފި


އަންނަ އަހަރުގެ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރުގައި 10 ޓީމު ބައިވެރި ކުރަން އެފްއޭއެމްއިން ނިންމައިފިއެވެ. ސީޒަން ހުޅުވުމަށްފަހު ފުރަތަމަ މުބާރާތުގެ ގޮތުގައި މާލޭ ލީގު ފަށަން ނިންމާފައިވަނީ ފެބްރުއަރީ ފަހުކޮޅުއެވެ.

ގައުމީ ފުޓްބޯޅަ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ 10 މަސް ދުވަހަށް ދެމިގެންދާ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް މެޗު އޮންނާނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ކަމަށެވެ.

މާލޭ ޒޯނުގެ 8 ޓީމާއެކު ދިވެހި ލީގަށް ކޮލިފައިވާން ކުޅޭ މާލޭލީގު ފަށާނީ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހުއެވެ.

އެފްއޭއެމުގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ ދިވެހި ލީގުގައި އަންނަ އަހަރު 10 ޓީމު ވާދަ ކުރަން ނިންމީ 2017 ވަނަ އަހަރުގެ ނާކާމިޔާބު ތަޖުރިބާ އަށް ބެލުމަށްފަހު ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ލީގުގެ ފުރަތަމަ ބުރުގައި 10 ޓީމު ވާދަކުރި ނަމަވެސް ދެ ވަނަ ބުރަށް ދާނީ މީގެ ތެރެއިން 6 ޓީމެވެ.

ކަލަންޑަރަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމަށް މުބާރާތުގެ ފައިނަލް ބުރުން ޖާގަ ދޭން ވަނީ ނިންމާފައެވެ. މިހެންވެ ފައިނަލް ބުރުގައި އަންނަ އަހަރު ޖުމުލަ 12 ޓީމު ވާދަ ކުރާނެއެވެ.

ފުޓްބޯޅަ ކަލަންޑަރުގެ ފަހު މުބާރާތަކަށްވާނީ ނޮވެމްބަރު މަހުގެ 27 ގައި ނިމޭ ޕްރެޒިޑެންޓްސް ކަޕެވެ. އޭގެ ކުރިން އެފްއޭ ކަޕާއި މާލޭ ލީގު ކޮލިފައިން ވެސް ކުރިއަށްދާނެއެވެ. އަންނަ އަހަރުން ފެށިގެން އަނެއްކާ ވެސް ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ދޭން ނިންމާފައިވާއިރު މާލޭ ލީގުގެ ފުލަށް ދާ ދެ ޓީމާއެކު ކޮލިފައިން ކުޅޭނީ ދެ ވަނަ ޑިވިޝަނުގެ ރަނަރަޕް ޓީމެވެ. 

އެފްއޭއެމްގެ ޓެކްނިކަލް ޓީމްގެ މެމްބަރު އަދި އީގަލްސްއަށް މިދިޔަ އަހަރުތަކުގައި އިރުޝާދުދިން ކޯޗު އިހުސާން އަބުދުލްޣަނީ ބުނީ ދިވެހި ލީގުގެ ފުރަތަމަ ބުރުން ދިހަ ޓީމަށް ފުރުޞަތު ދޭން ނިންމުމުން ޓީމްތަކުގެ ކުޅުންތެރިންނަށްވެސް އިތުރު ފުރުޞަތު ލިބި، މުބާރާތްތައް ނުކުޅެ ތިބެން ޖެހޭ ކުޅުންތެރިން މަދުވާނެކަމަށެވެ. އޭގެ ސަބަބުން ޖުމްލަ ގޮތެއްގައި ފައިދާވާނެކަމަށް ޤަބޫލުކުރާކަމަށެވެ. ބަދަލުތައް ގެނައުމުގައި މިދިޔަ އަހަރަށްވުރެ ކުޅެން ލިބޭ މެޗުތަކުގެ އަދަދު މަދުނުވާނެ ގޮތަކަށްވެސް ވިސްނިކަމަށް ސާންތި ބުންޏެވެ.

" ކުޅެން ލިބޭ މެޗުތައް މަދުނުވާނެ ގޮތަކަށް ވިސްނިން. އެންމެ ގިނައިން މެޗު ކުޅޭ ޓީމަކަށް ތިރީސް ފަސް މެޗު ވަރު ލިބޭނެ " ސާންތި ބުންޏެވެ.