ކުޅިވަރު

ސިޓީ މޮޅުވެ، ލީޑް 15 ޕޮއިންޓަށް!


ކުޅެން ބޭނުން ނުވާ ޓީމްތަކާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެކަމަށް ބުނެ، ނިއުކާސަލްގެ ޑިފެންސިވް ކުޅުމަށް ޕެޕް ގާޑިއޯލާ ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑްގެ ދަނޑުގައި އެކެއް ސުމަކުން ކުރި ހޯދާ، ލީގު ތާވަލްގެ އެއްވަނާގައި ފަނަރަ ޕޮއިންޓްގެ ލީޑެއް ނެގުމަށްފަހު ގާޑިއޯލާ ބުނީ އިދިކޮޅު ޓީމުން އާދަޔާ ޚިލާފަށް ބޮޑަށް ޑިފެންސް ކުރުމުން ކުޅެން ވަރަށް ބޮޑަށް އުނދަގޫވިކަމަށެވެ. ނަމަވެސް މެޗުގައި ސިޓީން ވަނީ އެކާވީސް ޝޮޓް ނަގާފައެވެ. ނިއުކާސަލްއަށް ފޮނުވާލެވުނީ ހަ ޝޮޓެވެ. 

ގާޑިއޯލާ ބުނީ މެޗުގައި އޭނާގެ ޓީމުން ހުރިހާކަމެއް ކުރި ކަމަށާއި، އެކަމަކު އަނެއް ޓީމުން ކުޅެން ބޭނުން ނުވާނަމަ އުނދަގޫވާނެކަމަށެވެ. މެޗުގެ ނަތީޖާ ހަތަރެއް ސުމަކަށް ބަދަލުކުރެވޭ ވަރަށްވެސް ސިޓީން ފުރުޞަތު ތަނަވަސްކުރިކަމަށްވެސް ގާޑިއޯލާ ބުންޏެވެ. އިދިކޮޅު ޓީމްގެ ޑިފެންސިވް ކުޅުން ފާހަގަކުރަމުން ގާޑިއޯލާ ބުނީ އެފަދަ ހުރިހާ ކަމަކަށް ކޯޗުން ތައްޔާރުވެ، އިދިކޮޅު ޓީމް ބަލިކުރެވޭނެ ގޮތް ހޯދަން ޖެހޭކަމަށެވެ. 

ރޭގެ ބައްޔަކީ ނިއުކާސަލް ޔުނައިޓެޑް ލީގުގައި ވިދިވިދިގެންވީ ފަސްވަނަ ބައްޔެވެ. މިއީ 1953 ވަނަ އަހަރުގެ ފަހުން ވިދިވިދިގެން ފަސް މެޗުން އެޓީމް ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗުގައި ސިޓީގެ ލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންގއެވެ.

މެޗުން މޮޅުވި ނަމަވެސް ކެޕްޓަން ކޮމްޕެނީއަށް ވަނީ އަނެއްކާވެސް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހިފައެވެ. އަނިޔާގެ ސަބަބުން މެޗުގެ 11 ވަނަ މިނިޓްގައި ސިޓީގެ ޑިފެންޑަރު ވަނީ ބަދަލުކޮށްފައެވެ.