ޓޫރިސްޓް އެރައިވަލް ފަހަގަ ކުރުމަށް އެމްއައިޓީސީން ބާއްވާ "ވެލްކަމް 2018" ކައުންޓްޑައުން ޝޯވގައި ބޮލީވުޑްގެ މަޝްހޫރު ބަޠަލާ ބިޕާޝާ ބާސޫއާއި އެނާގެ ފިރިމީހާ ކަރަން ސިންގ ގްރޯވަރ ބައިވެރިވާނެކަމަށް އެމްއައިޓީޑީސީން ބުނެފިއެވެ.
މޮޑްލިންގ ކެރިއާރގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބިޕާޝާ ބާސޫ ފުރަތަމަ ބޮލީވުޑްގެ ފިލްމަކުން ފެނުނީ 2001ވަނަ އަހަރުގައެވެ. އެއީ އައްބާސް މުސްޠާން ޑައިރެކްޓް ކޮށްފައިވާ ފިލްމް އަޖްނަބީއިން އަކްޝޭ ކުމާރާއިއެކުއެވެ. އެއަށްފަހު ބިޕާޝާ މިހާތަަނަށް ފަންސާހަށްވުރެ ގިނަ ފިލްމުގަ ހަރަކާތްތެރިވެފައިވެއެވެ. ބިޕާޝާ މިހާތަނަށް ކުޅެފައިވާ އެންމެ ކާމިޔާބު އެއް ފިލްމަކީ ވިކްރަމް ބަޓް ޑައިރެކްޓް ކޮށްފައިވާ ފިލްމް ރާޒް އެވެ. މި ފިލްމުން އޭނާވަނީ ފިލްމް ފެއަރ އެވޯޑްގަ އެންމެ މޮޅު ބަޠަލާގެ މަގާމަށް ނޮމިނޭޓްވެފައެވެ.
ބިޕާޝާއާއި އޭނާގެ ފިރިމީހާ ކަރަންވަނީ މިނިވަން ފަންސާސް ފާހަގަކުރުމަށް 2015 ވަނަ އަހަރު ބޭއްވި ޝޯވގައިވެސް ބައިވެރިވެފައެވެ. ބިޕާޝާއާއި ކަރަންގެ އިތުރުން މި އަހަރުގެ ޝޯވގައި ބޮލީވުޑްގެ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ ރާޚަތް ފަތެޚް ޢަލީ ޚާންއާއި މީކާ ސިންގގެ ހުށައެޅުންތައް ފެނިގެންދާނެއެވެ. އާއްމުކޮށް ހުޅުވާލައިގެން ކާނިވާ ސަރަހައްދުގައި ބާއްވާ، ވެލްކަމް 2018 ގައި ދިވެހި ގިނަ ލަވަކިޔުންތެރިންގެ ހުށައެޅުންތައްވެސް ފެނިގެންދާނެކަމަށް އެމްއައިޓީޑީސީން ބުނެއެވެ. މި ޝޯގައި ބަޑިބޭހުގެ ކުޅިވަރުތައްވެސް އޮންނާނެއެވެ.
މިމަހުގެ ކުރީކޮޅު އެމްއައިޓީޑީސީންވަނީ "ވެލްކަމް 2018" ޝޯވގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފައެވެ. އެގޮތުން އިވެންޓް ހިންގާ ޕްރޮމޯޓްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ބޭރުގެ ކުންފުންޏެއްކަމަށްވާ ޕޯޓްފޯލިއޯ މެނޭޖިންގ އިވެންޓްސްއާއެވެ. އެކުންފުންޏާއިއެކު ލޯކަލް އެސިސްޓެންސް ޕަރޓްނަރެއްގެގޮތުގައި ހަރަކާތްތެރިވާނީ ޗޮޕްއާރްޓް ޕްރައިވެޓް ލިމިޓެޑުންނެވެ. މި އިވެންޓްގެ މީޑީއާ ޕާރޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއެވެ. މީގެއިތުރުން އިވެންޓްގެ ލޮޖިސްޓިކާއި، ސްޓޭޖް ސެޓަޕް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއަރ ޕްރައިވެޓް ލިމިޓެޑާއެވެ.