ކުޅިވަރު

މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި


ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު މިނިވަން ޗެމްޕިއަންޝިޕް ފަށަން ނިންމާ، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 

މުބާރާތުގައި މިފަހަރު ބައިވެރި ވެވެނީ ސްޕޯރޓްސް ކޮމިޝަނަރުގެ އޮފީހުގައި ރަޖިސްޓްރީކޮށްފައިވާ ރަށްތަކަށެވެ. މުބާރާތުގައި ބައިވެރިވާން އެފްއޭއެމްއިން ދީފައިވާ މުއްދަތަކީ އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މިއަހަރެކޭވެސް އެއްގޮތަށް ދެޓީމް ނަމަ ހޯމް އެންޑް އަވޭ އުޞޫލުންނެވެ. އަދި ދެޓީމަށްވުރެ ގިނަ ނަމަ ހޯސްޓް ކުރާ ރަށުގައެވެ. މުބާރާތް ހޯސްޓްކުރަން ބޭނުންވާ ރަށްތަކުންވެސް އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށައަޅަން އެފްއޭއެމްއިން ވަނީ ފުރުޞަތު ހުޅުވާލާފައެވެ. 

މުބާރާތުގައި ބައިވެރިވާން ހުޅުވާލިއިރު އެންމެ ފަހުގެ ގަދަ ހަތަރު ޓީމްގެ ގޮތުގައި ދިވެހި ލީގުގައި ވާދަކުރި ހަތަރު ޓީމް އަލުން ބައިވެރިވާން ޖެހޭކަން ނުވަތަ ނޫންކަން އެފްއޭއެމްއިން ހާމަކޮށްފައެއްނުވެއެވެ. އެދެޓީމް ވާދަކުރާނީ ކިހާ ހިސާބަކުންކަން ފުރުޞަތު ހުޅުވާލަން ޢާއްމުކުރި ބަޔާނުގައި ބުނެފައެއްނުވެއެވެ. އެފްއޭއެމްއިން ބުނީ އެކަމުގައި އަމުލުކުރާ ގޮތެއް އެފްއޭއެމްއިން މާދަމާގެ ވަގުތެއްގައި ޢާއްމުކުރާނެކަމަށެވެ.