ކުޅިވަރު

ހެރީ ކޭން ރެކޯޑް މުގުރާލާ، ޓޮޓްނަމް 4 ވަނައަށް!


އަނެއްކާވެސް ހެޓްރިކް ހަދާ، ކަލަންޑަރު އަހަރެއްގައި އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އިނގިރޭސި ފޯވާޑް ހެރީކޭން މުގުރާލައިފިއެވެ. 

ބާންލީ ކޮޅަށް ހެޓްރިކް ހަދައިގެން އެލަން ޝިއަރާގެ ރެކޯޑާ އަރާ ހަމަކުރި ކޭން، ރެކޯޑް މުގުރާލީ މިރޭ ސައުތް ހެޕްޓަން ކޮޅަށް ހެޓްރިކް ހަދައިގެންނެވެ. އެލަން ޝިއަރާ 1995 އަހަރު 36 ލަނޑު ޖަހައިގެން ހެދި ރެކޯޑް މުގުރާލުމަށްފަހު މިރޭ އިތުރަށް ދެ ލަނޑު ޖަހާ ފުރިހަމަކުރި ހެޓްރިކާއެކު 2017 ވަނަ އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށްވެސް ވަނީ ހެރީ ކޭންއެވެ. އެއީ ބާސާގެ ލަޔަނަލް މެސީއަށްވުރެ ދެ ލަނޑު އިތުރަށް ޖަހައިގެންނެވެ. މިއަހަރު ހެރީކޭން ވަނީ ޤައުމީ ޓީމާ ކްލަބަށް 56 ލަނޑު ޖަހާދީފައެވެ.

 ހެރީ ކޭން ރެކޯޑް މުގުރާލުމުން ޝިއަރާ ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ޝިއަރާ ކުރި ޓްވީޓެއްގައި ހެރީ ކޭންއަށް އިޝާރާތްކޮށް ބުނެފައިވަނީ 2017 ވަނަ އަހަރަކީ ހެރީކޭންގެ އާދަޔާ ޚިލާފް އަހަރެއްކަމަށެވެ. އޭނާގެ ބާވީސް އަހަރުވީ ރެކޯޑް މުގުރާލުން ކޭންއަށް ހައްޤު ކަމަށާއި، އެގޮތުގައި ކުރިއަށްދާން ހިތްވަރުދޭކަމަށް ޝިއަރާ ބުނެފައިވެއެވެ.

5-2 ން ސައުތްހެމްޓަން ބަލިކޮށް، ޓޮޓްނަމް މިވަގުތު ވަނީ ޕްރިމިއަރ ލީގު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ.