ޚަބަރު

ފޭދޫ ފިނޮޅުގައި ތަރައްޤީކުރާ ރިސޯޓްގެ އަމަލީ މަސައްކަތް ފަށައިފި


ފޭދޫފިނޮޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރިސޯޓްގެ އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މިއަދު މެންދުރު ފޭދޫފިނޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ފައްޓަވާދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްއެވެ. މިރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންގެ އިތުރުން ފޭދޫފިނޮޅު ޕްރޮޖެކްޓް ހަވާލުކޮށްފައިވާ ކުންފުނީގެ އިސްވެރިން ބައިވެރިއެވެ.

ފޭދޫފިނޮޅުގައި ތަރައްޤީކުރާ ރިސޯޓާއެކު ފުލުހުންގެ މުއައްސަސާގެ ތަރައްޤީއަށާއި މުވައްޒަފުންގެ ވެލްފެއަރ ކަންތައްތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން ބުނެއެވެ. އެގޮތުން ފޭދޫފިނޮޅު ރިސޯޓް ހިންގުމަށް ދޫކޮށްފައިވާ 50 އަހަރުގެ ތެރޭގައި 85 މިލިއަން ޑޮލަރު ލިބިގެންދާނެކަމަށް ފުލުހުން ބުނެއެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ލިބެންޖެހޭ ފައިސާ ލިބިފައިވާކަމަށާއި މި ފައިސާ ފުލުހުންގެ މުއައްސަސާގެ ތަރައްޤީއަށާއި ވެލްފެއަރ ކަންކަންތައްތަކަށް މިހާރުވެސް ޚަރަދު ކުރަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

ފޭދޫފިނޮޅުގައި ތަރައްޤީކުރާ ރިސޯޓުން ފުލުހުންގެ މުއައްސަސާގެ ރަސްމީ ބޭނުންތަކަށާއި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކަށް ޚާއްޞަ ޚިދުމަތްތަކެއް ލިބިގެންދާނެކަމަށްވެސް ފުލުހުން ބުނެއެވެ. 

 ފޭދޫފިނޮޅުގައި ތަރައްޤީ ކުރާ ރިސޯޓްގެ މަސައްކަތް 2019 ވަނަ އަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ފެށޭވަރުވާނެކަމަށް ފުލުހުން ބުނެއެވެ.