ޚަބަރު

ޤައުމީ ރޫހާއި އެކުވެރިކަން ކުރިއަށް ނެރެންޖެހޭ- ރައީސް


ތަރައްޤީއަށް ކުރެވޭ ކޮންމެ މަސައްކަތަކީ، ރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރެވޭ މަސައްކަތެއްކަމަށް ބަލައިގަނެ، މިއަދުވެސް ޤައުމީ ރޫޙާއި އެކުވެރިކަން ކުރިއަށް ނެރުއްވުމަކީ، ދިވެހި ކޮންމެ ރައްޔިތެއްގެ ވާޖިބެއްކަމަށް ދެކެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ގޮވާލެއްވީ ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ރައީސް ގެ ޚިޠާބުގައި ވިދާޅުވެފައިވަނީ، ސުނާމީ ކާރިސާއިން ދިވެހި ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމުގެ ވަރުގަދަ ގުޅުމުން މިއަދުވެސް ޢިބްރަތް ޙާޞިލު ކުރަންޖެހޭކަމަށެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބަނޑުއެއްބަފާ ކަމުގެ މަތިވެރި ގުޅުން އިތުރަށް ހަރުދަނާކޮށް، ޤައުމީ މަޞްލަހަތު އިސްކުރުމަކީ، މިފަދަ ކާރިސާތަކުން އަޅުގަނޑުމެން ދަސްކުރަންވީ ފިލާވަޅެއްކަމަށެވެ.

ރައީސްގެ ޚިޠާބުގައި، ސުނާމީ ކާރިސާއަކީ، އެތައް ބައެއްގެ ފުރާނަ ގެއްލި ކުޑަހިނދުކޮޅެއްގެ ތެރޭގައި މުޅި ޤައުމު، ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހުނު އަދި އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާއެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެ ގެއްލުންތަކުން އަރައިގަތުމަށް ރައްޔިތުން އެކީގައި ކުރި މަސައްކަތްތައް މިއަދުވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭކަމަށް ވިދާޅުވެފައިވެއެވެ.