ރިޕޯޓް

ބިންހިއްކުމުގެ މަޝްރޫޢުތަކަށް 1.4 ބިލިއަން ރުފިޔާ


ބިންހިއްކުމުގެ އެކި މަޝްރޫޢުތަކަށް ވޭތުވެދިޔަ ހަތަރު އަހަރުދުވަހުގެތެރޭގައި 1.4ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓާރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މިނިސްޓާރ މިހެން ވިދާޅުވީ އޭދަފުށީގެ ބިންހިއްކުން ނިމުން ރަސްމީގޮތުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުންގެންދަނީ ބިންހިއްކުމުގެ އެކި މަޝްރޫޢުތަށް ހިންގަމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަތަރުއަހަރު ބިން ހިއްކާފައިވާ ރަށްތަކުގެތެރެއިން އެއް ރަށަކީ ބ.އަތޮޅު އޭދަފުށްޓެވެ. އޭދަފުށީ ކައުންސިލުން ފާހަގަކުރާގޮތުގައި ރަށުގެ އާބާދީ 3000 އަށްވުރެ އިތުރުވެފައިވާއިރު ރަށުގެ ރަށްޔިތުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބިމުގެ ޖާގައިގެ ދަތިކަމެވެ. މިކަމަށް ޙައްލެއްގެނައުމަށް 2014ވަނަ އަހަރު އެރަށު ފަޅުންވަނީ 26 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ އޭދަފުށީ ބިންހިއްކުމުގެ މަސައްކަތުގެ ނިމުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ. 

ބިންހިއްކުމުގެ މަސައްކަތުގެ ނިންމުން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއީ އޭދަފުށްޓަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު މަޝްރޫޢުކަމަށެވެ. މިނިސްޓަރގެ ވާހަކައިގައިވަނީ އަންނަ އަހަރުގެ ބަޖެޓުގައި އޭދަފުށީ ހިއްކި ބިމުގައި 100 ހައުސިންގ ޔުނިޓް އެޅުމަށް ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ކުރިން ކުރިއަށްނުގެންދާ މިންވަރަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންގޮށްފައިވާކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަތަރުއަހަރުގެތެރޭގައި 11 ރަށެއްގެ ބިން ހިއްކާފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫޢުތަކަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ މި ސަރުކާރުން ޚަރަދުކޮށްފައިވާކަމަށާއި، ބިންހިއްކައި ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމަންޓްޖެހުމަށް 440 ބިލިއަން ޚަރަދުކޮށްފައިވާކަމަށެވެ. 

" ވޭތުވެދިޔަ ހަތަރު އަހަރު ބިން ހިއްކުމުގެ މަޝްރޫޢުތަކަށް 1.4 ބިލިއަނަށްވުރެ ގިނަ ރުފިޔާ މިސަރުކާރުންވަނީ ޚަރަދުކޮށްފައި. މީގެސަބަބުން އިންވެސްޓްކުރުމުގެ ފުރުސަތުތައް އިތުރުވެ، ކުދި ރަށްރަށުގެ މީހުންނަށް ޚިދުމަތްތައް ފުޅާވެފައިވާ ރަށްތަކަށް ދިރިއުޅުން ބަދަލުކުރުމުގެ މަގުފަހިވެގެންދޭ. " ހައުސިނގް މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. 

އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމްވަނީ އޭދަފުށީގައި ޤާއުމުކުރާ އާރްއޯ ޕްލާންޓް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތުގެފެށުން ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާފައެވެ. މި މަޝްރޫޢަކީ އޮޕެކް ފަންޑާއި ދިވެހި ސަރުކާރުގެ ބަޖެޓުން ތިރީސް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެެވެ. މިމަޝްރޫގެދަށުން އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއުމުކުރާނެއެވެ. އޭދަފުށީގައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، މި ޕްލާންޓްތަކުން ދުވާލަކު 128ޓަނުގެ ފެން އުފައްދާނެއެވެ.