ޚަބަރު

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް


ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ހަނދާންތައް އާކޮށް، އެ ކާރިސާގައި ޙާލުގައި ޖެހުނު މީހުންނާއި ޢާއިލާތަކަށް އެހީތެރިވެދިނުމުގައި ދެއްކި އަޚުވަންތަކަމުގެ ހަނދާން އާކުރުމަށް ފާހަގަކުރާ ދުވަހެކެވެ. 

ސުނާމީ ކާރިޘާއަކީ، ފަހުގެ ތާރީޚެއްގައި ރާއްޖެއަށް ކުރިމަތިވި، ރެކޯރޑްކުރެވިފައިވާ އެންމެ ބޮޑު ކާރިޘާއެވެ. މިއަދަކީ، ސުނާމީގެ ބިރުވެރި ކާރިޝާ ކުރިމަތިވިތާ 13 އަހަރުފުރުނު ދުވަހެވެ.



މުޖުތަމަޢަކަށް ލިބޭނެ އެންމެ ބޮޑު އެއް ނިޢުމަތަކީ، އެމުޖުތަމަޢަކީ އުޚުއްވަތްތެރި އެއްބައިވަންތަ، އެއްބައެއްވަންތަ ބައެއްކަމުގައި ވުމެވެ. ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް އެއްބައިވަންތަކަމުގެ ދުވަހުގެގޮތުގައި ފާހަގަކުރަމުންދާއިރު، ފަހުގެ ތާރީޚެއްގައި ދިވެހިންގެ އެއްބައިވަންތަކަން އެންމެބޮޑަށް ފެނިގެންގޮސްފައިވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26 ވަނަދުވަހުއެވެ. ކުދި ޖަޒީރާތަކެއްގެ އެކުލެވިގެންވާ މި ކުޑަކުޑަ ދިވެހި ރާއްޖޭގެ އެތައް ރަށެއް ސުއްނާފަތިކޮށްލި ބިރުވެރި ސުނާމީ ކާރިޘާ ކުރިމަތިވި ދުވަހުއެވެ. 

އެ ބިރުވެރި ކާރިޘާގައި ރާއްޖެއިން 15000 މީހުންގެ ގެދޮރު ގެއްލުނެވެ. 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް އެމީހުން ބަދަލުކުރަންޖެހުނެވެ. އާބާދީގެ ގާތްގަނޑަކަށް ތިންބައިކުޅައެއްބައި މީހުންނަށް ސީދާ ގޮތެއްގައި އެކާރިޘާގެ އަސަރުކުރިއެވެ. 

ސުނާމީ ކާރިޘާއާ ގުޅިގެން ދިވެހިންގެކިބައިން ފެނިގެންދިޔަ އެއްބައިވަންތަކަމަކީ މިއަދު މިދުވަސް ފާހަގަކުރާ އެންމެ ބޮޑު ސަބަބެވެ. އެދުވަހު އެއްބަޔަކު އަނެއްބަޔަކަށް އެހީވުމަށް އަތުކުރިއޮޅާލައި، ދިވެހިން ވަނީ ވަރަށް ފުރިހަމަ ނަމޫނާއެއް ދައްކާފައެވެ. 

އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރި މުޅި ދިރިއުޅުން ސުނާމީގެ ބިޔަ ރާޅުގެ ތެރޭގައި ވަނީ ސުންނާފަތިވެ އޮޔާގޮސްފައެވެ. ކާރިޘާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޙާލުގައިޖެހުނު މީހުންނަށް އެހީ ފޯރުކޮށްދެއްވުމަށް ސަރުކާރުގެ އިދާރާތަކާއި، ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ފެށިއެވެ. ޙާލުގައިޖެހުނު މީހުންނަށް ތަކެތި ފޯރުކޮށްދިނުމަށް ހުޅުވާލި ފުރުޞަތުގައި ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދޭން ފެށިއެވެ. މިއާއެކު އެހީބޭނުންވާ ފަރާތްތަކަށް ބޯފެނާއި ބޭހާއި ކާބޯތަކެއްޗާއި، އަންނައުނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުޑަ ހިނދުކޮށްޅެއްގެތެރޭގައި ފެށިއެވެ. 

ސުނާމީއާއެކު ރާއްޖޭގެ މުވާޞަލަތީ ގުޅުން ކެނޑިގެންދިޔައެވެ. އަތޮޅު އޮފީހަށް ރަށްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދެވުނީ ދޯނިތަކުގައި  ބޭނުންކުރާ މުވާޞަލަތީ ސެޓު މެދުވެރިކޮށެވެ. މިއާއެކު ސަރުކާރުގެ އިދާރާތަކުންނާއި، އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިވެރިންގެ އެހީތެރިކަން ޙާލުގައި ޖެހުނު ފަރާތްތަކަށް ލިބެންފެށިއެވެ. 

ސުނާމީއަށް 13 އަހަރު ފުރިގެންދާއިރު ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ކަންތައްތަކުގެ ސަބަބުން ލިބޭ ގެއްލުންތަށް ދެނެގަނެ، އެފަދަ ކަންކަމަށް ރާއްޖެ މިވަނީ ތައްޔާރުވާން ޖެހިފައެވެ. 2004 ވަނަ އަހަރުގެ ސުނާމީ އަށްފަހު ސަރުކާރުން ހިންގި ޕުރޮޖެކްޓްތައް މިފަދަ ކާރިސާތަކުން ސަލާމަތްވުމަށް ކުރެވޭނެކަންތައްތައް ހިމަނައިގެން ކުރަންފެށިއެވެ. މިހާރުގެސަރުކާރުން ހިންގާ ޕުރޮޖެކްޓްތައް ހިންގުމުގައި، ތިމާވެއްޓަށް ކުރިމަތިވާ ގެއްލުން ވީހާވެސް ކުޑަކުރެވޭނޭ ގޮތްތައް ބަލައި، އެފަދަ ގޮތްތަކަށް މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ މިފަދަ ކާރިޘާތަކުން ރައްކާތެރިވުމަށް އަޅަމުންދާ މުހިންމު ފިޔަވަޅެކެވެ. 

ސުނާމީ ކާރިޘާގައި ރާއްޖެއިން 82 މީހުން މަރުވެ 26 މީހުން ގެއްލުނެވެ. 

ޢުމްރާނީ އެތައް ވަޞީލަތްތަކެއް ބިމާ ހަމަވެ، އިޤްތިޞާދީގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ތަރައްޤީގައި އެތައް އަހަރެއް ފަހަތަށް ޖެހި އަލުން  ޤައުމު ބިނާކުރުމުގެ މަސައްކަތްކުރަންޖެހުނެވެ. 

އެހެންނަމަވެސް ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާއާއި، އެކި ފަރާތްތަކުން ލިބިގެންދިޔަ އެހީތަކާއެކު 13 އަހަރު ވީއިރު ޤައުމު މިވަނީ އާރާސްތުކުރެވިފައެވެ. ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ފެށްޓެވި މަސައްކަތްތައް، މި ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ވަނީ ނިންމާފައެވެ. ސުނާމީގެ ސަބަބުން ގެދޮރު ގެއްލުނު މީހުންނަށް ދާއިމީ ބޯހިޔާވަހިކަން ވަނީ ޔަޤީންކުރައްވާފައެވެ. އަދި ދިރިއުޅުން އާރާސްތު ކުރުމަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީފައިވެއެވެ. 

އެއްބައިވަންތަކަމަކީ އަމާން އައްސޭރިއަކަށް ޤައުމު ގެންގޮސްދޭނެ ކަމެއްކަން މިވަނީ ކަށަވަރުވެފައެވެ. އެހެންކަމުން މިމުޖުތަމަޢު މިފަދަ އެއްބައިވަންތަ މުޖުތަމަޢެއްގެގޮތުގައި ބޭއްވުމަށް މަަައްކަތްކުރަންޖެހެއެވެ.