ކުޅިވަރު

ނިއުރޭޑިއަންޓް ތައިލެންޑްގައި ކޭމްޕް ކުރަނީ


އަންނަ ސީޒަނަށް ތައްޔާރުވުމަށް ނިއުރޭޑިއަންޓް ތައިލެންޑްގައި ކޭމްޕް ކުރަން ނިންމައިފިއެވެ. 

ފެބްރުއަރީ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ނިއު ތައިލެންޑްގައި ކޭމްޕް ކުރުމަށް ނިންމީ މާޗު މަހު ފަށާ އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށެވެ. ނިއުގެ އިސްއޮފިޝަލަކު ބުނީ ތައިލެންޑްގައި ޖުމުލަ ތިން މެޗު ކުޅެން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތައިލެންޑް ފުރަތަމަ ޑިވިޝަނުގެ ދެ ޓީމު ވެސް ހިމެނޭ ކަމަށެވެ. އޭއެފްސީ ކަޕަށް ތައްޔާރުވާން ނިއު ފޯރިއާއެކު މަސައްކަތް ކުރާއިރު އެ ޓީމަކީ މި އަހަރުގެ އެންމެ ކާމިޔާބު ޓީމެވެ. ސީޒަނުގެ ފަހު ތިން މުބާރާތް ކަމަށްވާ ދިވެހި ލީގާއި އެފްއޭކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ވެސް ނިއު ވަނީ ކާމިޔާބުކޮށްފައެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ނިއުއިން ވަނީ އެހެން ކްލަބްތަކަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކު ގެނެސް، ޓީމްގެ މުޙިއްމު ކުޅުންތެރިންގެ އެއްބަސްވުން އާކޮށްފައެވެ. ނިއުއާ ކުރިއަށް އޮތް ސީޒަނަށް އަލަށް ގުޅުނު ކުޅުންތެރިންނަކީ މާޒިޔާއިން ބަދަލުވި މުޙައްމަދު އުމެއިރުއާއި، ވެލެންސިޔާއިން ބަދަލުވި ހިސާން ސަލީމެވެ.