ކުޅިވަރު

ޒިދާން މަގާމުން ވަކިކުރާ ވާހަކަ ދެއްކުމަކީ ވެސް ޖޯކެއް: އޮންރީ


ރެއާލް މެޑްރިޑުގެ ކޯޗުކަމުގެ ޒައިނުއްދީން ޒިދާން ވަކިކުރާ ވާހަކަ ދެއްކުމަކީ ވެސް ވަރަށް ބޮޑު ޖޯކެއް ކަމަށް ބާސެލޯނާގެ ކުރީގެ ތަރި ތިއޭރީ އޮންރީ ބުނެފިއެވެ. 

ޒިދާނާއި އޮންރީ އަކީ ފްރާންސަށް 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޓީމުގައި ކުޅުނު ދެ ކުޅުންތެރިންނެވެ. މީގެ ތެރެއިން އޮންރީ ބުނީ ރެއާލް މެޑްރިޑުގެ ނަތީޖާތައް މިވަގުތު ކިތަންމެ ދަށްވެފައިވީ ނަމަވެސް ޒިދާންގެ މަގާމާމެދު ސުވާލު އުފައްދަން ނުޖެހޭ ކަމަށެވެ. ސަބަބަކީ ފާއިތުވެދިޔަ ދެ އަހަރު އޭނާ ހޯދި ކާމިޔާބީގެ ސަބަބުން ކަމަށާއި، ދެ އަހަރުގެ ތެރޭގައި އަށް ތަށި ހޯދައިދިނުމަކީ ކިތަންމެ މޮޅު ކޯޗަކަށް ވެސް ފަސޭހަކަމެއްނޫން ކަމަށެވެ. އޮންރީ ބުނީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕް ދެ ފަހަރު އަދި މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ޒިދާން ހޯދާފައިވާތީވެ އެކާމިޔާބީތަކުގެ މަތިން މިއަދު ހަނދާންކޮށް އަގުވަޒަންކުރަންޖެހޭ ކަމަށެވެ. 

ރެއާލް މެޑްރިޑަކީ މޮޅު ކުޅުންތެރިން ތިބި ޓީމަކަށްވާތީވެ އަބަދުވެސް ކާމިޔާބީ ބޭނުންވާނެ ކަމަށާއި ނަމަވެސް ކުޅުންތެރިން ތިބި ކަމަށްބުނެ ޒިދާނާމެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއްނެތް ކަމަށެވެ. އޮންރީ ބުނީ ދަނޑުމަތީގައި ނަތީޖާ ނެރޭނީ ކުޅުންތެރިން ކަމަށާއި، ކޯޗަކަށް އޮންނާނީ ޓީމު ރާވައި ޓީމު މެނޭޖްކުރުން ކަމަށެވެ. އަދި އެކަން މިހާރު ވެސް ޒިދާން ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށެވެ. އެންމެ ވާދަވެރި ބާސެލޯނާ އަތުން މި ހަފުތާގައި 3-0އިން ބަލިވެ، ރެއާލް މެޑްރިޑް ވަނީ އެޓީމާ 14 ޕޮއިންޓް ފަހަތަށް ގޮސްފައެވެ.