ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނ. މާޅެންދުއަށް ވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، ފާދިއްޕޮޅު ހިންނަވަރަށާއި، މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ދާދި ދެންމެއަކު ނ. މާޅެންދޫއަށްވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ނ. މާޅެންދޫ ބަނދަރު ކުޑަ ވަގުތު ކޮޅެއްގެތެރޭ ހުޅުއްވައިދެއްވާނެވެ. މީގެއިތުރުން އެއަތޮޅު ހެނބަދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވުމަށާއި، އެއަތޮޅު ހޮޅުދޫގެ ބަނދަރު ހުޅުއްވައިދެއްވައި، މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫއަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

img:http://s1.psmnews.mv/images/660x400/15140934122198.jpg|ރައީސުލްޖުމްހޫރިއްޔާ ނ. މާޅެންދުއަށް ވަޑައިގެންފި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ފާދިއްޕޮޅު ހިންނަވަރަށް ވަޑައިގެން ހިންނަވަރުގައި ޤާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައި، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫއަށް ވަޑައިގެން ކެންދޫގެ ބަނދަރު ހުޅުވައިދެއްވުމަށާއި، އެރަށުގެ ބޯފެނުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުއްޓަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެން، އެއަތޮޅު ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމަށް ބާއްވަވާ ރަސްމިއްޔަތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.