ކުޅިވަރު

ސިޓީން 100 ގޯލު ޖަހައިފި


އެއް އަހަރު ތެރޭގައި 100 ގޯލު މެންޗެސްޓާ ސިޓީން ޖަހައިފިއެވެ.

އެ ޓީމުން މި އަދަދު ހަމަކުރީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ބޯނެމައުތު އަތުން 4-0 ން މޮޅުވި މެޗުގައެވެ.

މިއީ 1982 ވަނަ އަހަރު ލިވަޕޫލުން 100 ގޯލު ޖެހިފަހުން އެއް އަހަރު ތެރޭގައި އިނގިރޭސި ޓީމަކުން 100 ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އެ އަހަރު ލިވަޕޫލް ވަނީ 106 ގޯލު ޖަހާފައެވެ. މި އަދަދާ ހަމަކުރުމަށް ސިޓީ އަށް އަދި މި އަހަރު އެއް މެޗު ލިބޭނެއެވެ.

ރޭގެ މެޗުގައި ސާޖިއޯ އަގުއެރޯ ދެ ގޯލު ޖެހިއިރު ޑެނީލޯ އާއި ރަހީމް ސްޓާލިން ވެސް ވަނީ ގޯލު ޖަހާފައެވެ. ކޯޗު ޕެޕް ގާޑިއޯލާ ބުނީ އަގުއެރޯ އަކީ ޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ކުލަބުގައި މަޑުކުރަން އޭނާ އެދިއެދި ހުރި ކަމަށެވެ.

ސިޓީ ޓޭބަލުގެ އެއްވަނާގައިވަނީ 55 ޕޮއިންޓާއެކުއެވެ. މިއީ ދެ ވަނާގައިވާ މެންޗެސްޓާ ޔުނައިޓެޑަށްވުރެ 13 ޕޮއިންޓް ގިނަ އަދަދެކެވެ.