ކުޅިވަރު

ރެއާލް ބަލިކުރެވުނަސް ލީގު ޔަގީނެއްނޫން: ބާސެލޯނާ ކޯޗު


ރެއާލް މެޑްރިޑް އަތުން މޮޅުވި ނަމަވެސް، ލީގު ޗެމްޕިއަންކަން ޔަޤީން ނުކުރެވޭ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ސްޕޭނުގެ އެންމެ ވާދަވެރި ދެ ޓީމުގެ ކުރިމަތިލުން 3-0 ން ރެއާލްގެ ދަނޑުގައި ރޭ ބާސެލޯނާ ކާމިޔާބު ކުރުމުން ދެ ޓީމުގެ ފަރަގު ވަނީ 14 ޕޮއިންޓަށް ފުޅާވެފައެވެ.

ނަމަވެސް ވަލްވާޑޭ ބުނީ މިފަދަ ކޮންމެ މޮޅަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، އެކަމަކު ލީގު ލިބެން އަދި ކައިރިވެސް ނުވާ ކަމަށެވެ. ސަބަބަކީ ލީގުގެ ފުރަތަމަ ބުރު ވެސް އަދި ނުނިމޭތީ ކަމަށާއި، މިހެންވެ ކުރިއަށް ހުރި މެޗުތައް ފަސޭހަކޮށްނުލެވޭނެ ކަމަށެވެ.

މި ސީޒަނުގައި ބާސެލޯނާއާ ހަވާލުވި ކޯޗު ބުނީ ވާދަވެރި ޓީމުތަކަށްވުރެ ތަފާތުބޮޑުކޮށް ކުރީގައި އޮތުމަކީ ބާސެލޯނާ އަށް ލިބޭ އެޑްވާންޓޭޖެއް ކަމަށާއި، ނަމަވެސް މިކަމާ ބޮޑާވެގެންފިނަމަ ނަތީޖާ ގޯސްވާން މާގިނަ އިރެއް ނުނަގާނެ ކަމަށެވެ.

މި މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ވެފައިވަނީ ރެއާލް މެޑްރިޑް ކޮޅަށް އެލް ކްލެސިކޯގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ. ޖުމުލަ 25 ގޯލު ޖަހާފައިވާއިރު މީގެ ތެރެއިން 14 ގޯލު ޖަހާފައިވަނީ މެޑްރިޑުގެ ދަނޑުގައެވެ. އަދި މި ގޯލާއެކު އޭނާ ވެފައިވަނީ ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ލީގެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.