ކުޅިވަރު

އެލަން ޝިއަރާގެ ރެކޯޑާ ކޭން ހަމަކޮށްފި


އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ އަހަރެއްގެ ތެރޭގައި ޖަހާފައިވާ ގޯލުގެ ރެކޯޑާ ޓޮޓެންހަމުގެ ހެރީކޭން ހަމަހަމަކޮށްފިއެވެ.

އެއް އަހަރު ތެރޭގައި އިނގިރޭސި ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ޝިއަރާ އަތުގައި އޮތީ 36 ގޯލާއެކުއެވެ. އުމުރުން 24 އަހަރުގެ ކޭން މި ރެކޯޑާ ހަމަހަމަކުރީ ޕްރެމިއާ ލީގުގައި ރޭ ބާންލޭ ކޮޅަށް ހެޓްރިކް ހަދައިގެންނެވެ.

ނިއުކާސަލް އާއި ބްލެކްބާންގެ ކުރީގެ ކެޕްޓަން ޝިއަރާ މި ރެކޯޑް ހެދީ 1995 ވަނަ އަހަރު ބްލެކްބާންއާ ދެކޮޅަށެވެ. ނަމަވެސް އޭނާގެ 22 އަހަރުވީ ރެކޯޑް މުގުރާލަން ކޭން އަށް މިހާރުވަނީ ފުރުސަތު ލިބިފައެވެ. އެއީ މި އަހަރު ޓޮޓެންހަމަށް ބާކީ އަދި އެއް މެޗު އޮތުމުންނެވެ.

ކޭން އާއި ޝިއަރާ އަށް ފަހު މި ލިސްޓުގައި ދެން ހިމެނެނީ އާސެނަލް އަށް ކުޅުނު ފްރާންސްގެ ތިއޭރީ އޮންރީ އާއި ރޮބިން ވޭންޕާސީއެވެ.

ރޭގެ މޮޅާއެކު ޓޮޓެންހަމް ވަނީ އިނގިރޭސި ލީގުގެ ފަސް ވަނަ އަށް ކުރިއަށް ޖެހިލާފައެވެ.