ކުޅިވަރު

ބާސާ އަތުން ބަލިވިޔަސް ދޫ ނުދޭނަން - ޒިދާން


ބާސެލޯނާ އަތުން 3-0ން ބަލިވެ، 14 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް ދޫ ނުދޭނެ ކަމަށް ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ސްޕެނިޝް ލީގުގައި ރޭ މި ދެ ޓީމު ކުޅުނު މެޗުން ރެއާލް ބަލިވީ އަމިއްލަ ދަނޑުގައެވެ. ޒިދާން ބުނީ 3-0ން ރެއާލް މެޑްރިޑު ބަލިވި ނަމަވެސް އެކަމާ ހިތާމަ ނުކުރާ ކަމަށާއި، ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.

ޒިދާން ބުނީ މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑަށް ލިބުނު ރަނުގެ ފުރުސަތުތައް ބޭނުން ކުރެވުނުނަމަ މެޗަކީ މުޅިން ތަފާތު މެޗަކަށްވީސް ކަމަށެވެ. އަދި ބާސެލޯނާގެ ފުރަތަމަ ގޯލަކީ އޭނާގެ ޓީމަށް ހެދުނު ގޯހަކުން ޖެހި ލަނޑެއް ކަމަށެވެ. ދެ ވަނަ ލަނޑު ޖެހީ ޓީމަށް ބަދަލު ގެންނަން ތައްޔާރުވިތަނާ ކަމަށާއި އަދި ޑެނީ ކަވަހާލް ބޯޅައިގައި އަތްލުމުން ދެއްކި ރަތްކާޑާއެކު މެޗު ގެއްލިއްޖެ ކަމަށެވެ.

ޒިދާން ބުނީ 14 ޕޮއިންޓްގެ ފަރަގެއް އޮތް ނަމަވެސް ބާސެލޯނާ އަށް އަދި ލީގު ޔަޤީން ނުވާ ކަމަށާއި، ސަބަބަކީ ލީގުގެ ފުރަތަމަ ބުރު ވެސް އަދި ނުނިމޭތީ ކަމަށެވެ. މިހެންވެ ރެއާލް އުއްމީދާއެކު މަސައްކަތް ކުރާނެ ކަމަށާއި، ކުރިއަށްވުރެ ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށެވެ.

ޒިދާން ވަނީ ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްދީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަންކަން ވެސް ރެއާލް އަށް ހޯދައިދީފައެވެ. ނަމަވެސް އޭނާ ބުނީ ކޮންމެ ބަޔަކަށް އަޑިގުޑަން ދުވަސްކޮޅެއް އަންނާނެ ކަމަށާއި މިއީ އެފަދަ ވަގުތެއް ކަމަށެވެ.