ކުޅިވަރު

ޔޫވީގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި


ޔޫތް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް، މާޒިޔާގެ ފުރަތަމަ މެޗު އެޓީމުން ކާމިޔާބޮކޮށްފިއެވެ. 

މިއަދު ހަވީރު ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު މާޒިޔާ ކާމިޔާބު ކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. މެޗުގެ ލަނޑުތައް މާޒިޔާއަށް ކާމިޔާބުކޮއްދިނީ އިރުފާން އާދަމް ނަސީރު، ހަސަން ފުއާދު، އަދި އިބްރާހީމް އަތީގް ހަސަންއެވެ. 

21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބާއްވާ ޔޫތު ފުޓްބޯޅަ މުބާރާތުގައި މިއަހަރު ވާދަކުރަނީ ހަތަރު ޓީމެވެ. އެއީ އީގަލްސް، ތިނަދޫގެ އިތުރުން މާޒިޔާ އަދި ޔުނައިޓެޑް ވިކްޓްރީއެވެ. މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަން އީގަލްސް ވަނީ ތިނަދޫއާއި ވާދަކޮށް 1-0 ން ކުރި ހޯދާފައެވެ.

 ޔޫތް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިހާތަނަށް ހޯދާފައިވާ ޓީމްތަކަކީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ އިތުރުން ކުލަބު އީގަލްސްއެވެ.

މިމުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހު ހަވީރު މާޒިޔާ އާއި އީގަލަސް ވާދަކުރާއިރު، ހޯމަ ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީއާ ގދ.ތިނަދޫ ވާދަކުރާނެއެވެ.