ޚަބަރު

"ތަންފީޒީ މަރުޙަލާގައި ދަރިވަރުނަށް ފުރުސަތުތައް އޮންނަންޖެހޭ"


ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެވޭ ފަންތީގައި ދިރަސާކުރެވޭނެ ފުރުސަތުތައް ކުރިއަށް އޮތްތަނުގައި ލިބޭނެކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ މެޕްސް ކޮލެޖްގެ "ޙިއްސާ ޕްރޮގްރާމް" ފަށްޓަވާދެއްވާ ވާހަކަދައްކަވަމުންނެވެ. ޙިއްސާ ޕްރޮގްރާމަކީ މިއަހަރުގެ ޒުވާނުންގެ ދުވަހު ބޭއްވި "ޔޫތް ފޯރަމް"ގައި ލިބިނު މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މެޕްސް ކޮލެޖްގެ ދަރިވަރުން އިސްނަގައިގެން ޕްލޭންކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރަމްގައި އެކި ދާއިރާތަކުގެ ފަންނީ ތަޖުރިބާކާރުން ބައިވެރިވާ، ވޯކްޝޮޕްތަކާއި ލެކްޗަރތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ދަރިވަރުން ރާވާ ހިންގާ މިޕްރޮގްރާމްގައި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފިލްޑް ޓްރިޕްތަކެއްވެސް ހިމެނޭކަމަށް މެޕްސް ކޮލެޖުން މަޢުލޫމާތުދެވެ. 

ޙިއްސާ ޕްރޮގްރާމްގައި ހިމެނެނީ 10 ސެޝަން ކަމަށް މެޕްސް ކޮލެޖުން ބުނެއެވެ. 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ތަރައްޤީގައި ދަރިވަރުންގެ ޙިއްސާ އޮންނަންޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ. ރައްޖެ ދެކެމުންމިދާ އިޤްތިޞާދީ ކުރިއެރުންތަކުގައި ދަރިވަރުންގެ ބައިވެރިވުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ހުނަރުވެރިބަޔަކަށް ޒުވާނުންހެދުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުގެ ހުރިހާ މުއައްސަސާއަކުވެސް ލިބޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. ޤައުމު ހިންގުމުގައި ޒުވާނުންގެ ދައުރު އިތުރަށް ފުޅާކުރުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. ޒިންމާ އުފުލާ ޤާބިލުބަޔަކަށް ޒުވާނުން ހެދުމަށްޓަކައި އެކި ދާއިރާތަކުން މީހުން ތަމްރީންކޮށް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.