ޚަބަރު

ރިނބުދޫ ކައުންސިލްގެ ޢިއުލާން ޤާނޫނު އަސާސީއާ ޚިލާފް- އެލްޖީއޭ


ދ. ރިނބުދޫއަށް ރަށުން ބޭރު މީހުނަށް އެރޭނީ ވަކި ހުއްދައަކާއެކު ކަމަށް ބުނެ އެރަށު ކައުންސިލުން މި މަހުގެ 19 ވަނަ ދުވަހު އާންމުކުރި ޢިއުލާން ލޯކަލް ގަވާރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލްކޮށްފިއެވެ.

މިކަން ހާމަކޮށް އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރިނބުދޫ ކައުންސިލުން ނެރުނު އިޢުލާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ބައެއް އަސާސީ ހައްޤުތަކާއި، މިނިވަންކަން ނިއުޅައިގަނެވޭ ގޮތަށް ނެރެފައިވާ އިޢުލާނެއް ކަމަށެވެ.

މި ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، މިފަދަ ކަންކަމަކީ ކައުންސިލްގެ ޖަލްސާއަކަށް އެޖެންޑާކޮށް، މަޝްވަރާ ކުރުމަށްފަހު ޤާނޫނާ ޤަވާއިދުގެ އިމުގެ ތެރެއިން ގޮތެއް ކަނޑައަޅަން ޖެހޭފަދަ ކަންތައްތައް ކަމަށާއި، އެހެން ނަމަވެސް އެ ކައުންސިލުން ކޮށްފައިވާ ޢިއުލާނަކީ ރަށު ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާޢި އިޚްތިޔާރުތަކުގެ ބޭރުން ނިންމައި ޢާންމުކޮށްފައިވާ ޢިއުލާނެއް ކަމަށެވެ.

"ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަން ނިންމަވާއިރު އެކަމެއްގައި އަތޮޅު ކައުންސިލާއި އެލްޖީއޭގެ ލަފާ ހޯދަންޖެހޭ. ހަމަ އެހެންމެ ޤާނޫނާ ޤަވާއިދާ ޚިލާފަށް އެއްވެސް ނިންމުމެއް ނިންމައި ޢާންމު ނުކުރުމަށް އިލްތިމާސްކުރަން،" އެލްޖީއޭގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ރިނބުދޫ ކައުންސިލުން މި މަހުގެ 19 ވަނަ ދުވަހު އާންމުކޮށްފައިވާ ޢިއުލާނުގައި ބުނެފައިވަނީ އެރަށަށް ދަތުރު އަންނަ ބައެއް މީހުންގެ ފަރާތުން އެރަށުގެ ސާފުތާހިރުކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެކިކަހަލަ އުނދަގޫތައް ކުރިމަތިކުރުވާ ކަމަށާއި، އެހެންކަމުން ރަށުން ބޭރު މީހުން އެރަށަށް ދަތުރު އަންނަންވާނީ، އެރަށުގެ މީހަކު ޒިންމާވާގޮތަށް ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އަދި އެނޫން ގޮތަކަށް އެރަށަށް ދަތުރު އަންނަ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ރިނބުދޫ ކައުންސިލުން ނެރުނު ޢިއުލާނުގައި ބުނެފައިވެއެވެ.