ޚަބަރު

ކޯޓްތަކަށް ހުށަހަޅާ މައްސަލަތައް ނިންމުން މިހާރު މާއަވަސް


ކޯޓްތަކަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ބަލައި، ނުނިމި ގިނަދުވަސްވާ މައްސަލަ ޙައްލު ކުރުމަށް ސުޕްރީމް ކޯޓުން އިސްނަގައިގެން ވަނީ ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ. އެގޮތުން މިދިޔަ އަހަރަކީ ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމުގައި ކާމިޔާބު އަހަރެއްކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޝަރުޢީ ކޯތްތަކަށް ހުށައެޅޭ މައްސަލަތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތް ނިންމައި، އަލަށް ހުށައެޅޭ މައްސަލައް އަވަހަށް ނިންމުމަށް ޝަރުޢީ ކޯޓްތަކުން ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އެކަށީގެންވާ އަވަސްމިނެއްގައި ޢަދުލު އިންސާފަށް ވާސިލުވުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ އިސްނެންގެވުމަށް ޝަރުޢީ ކޯޓްތަކުން ގެންދަނީ ލަނޑުދަނޑިތަކެއް ކަނޑައަޅައި، ވަކި މުއްދަތެއްގެ ތެރޭގައި އެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މީގެ 3 އަހަރެއްހާ ކުރިން ކޯޓްތަކުގައި ނުނިމި ފުނިޖެހިފައިވާ މައްސަލަތަކުގެ ނިސްބަތް 2016 ވަނަ އަހަރު ނިމުނުއިރު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ.

ޝަރުޢީ ދާއިރާއިން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާލާއިރު 2016 ވަނަ އަހަރުގެ ކުރިން ޝަރުޢީ މަރުޙަލާ ފެށި 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްލަތަކުގެ އިންސައްތައަކީ 27 އިންސައްތައެވެ. އެހެންނަމަވެސް 2016 ވަނަ އަހަރު ނިމުނުއިރު މި ޢަދަދުވަނީ 12 އިންސައްތައަށް ކުޑަކުރެވިފައެވެ.

ދިވެހިރާއްޖޭގައި 198 ކޯޓް ޤާއިމުކޮށް ހިންގަމުންދާއިރު، ދިވެހިރާއްޖެއަކީ ސަރަޙައްދީ ޤައުމުތަކުގެ ނިސްބަތުން ޢަދުލު އިންސާފަށް ވާސިލުވުމުގެ މަގު އެންމެ ބޮޑަށް ތަނަވަސްކުރެވިފައިވާ ޤައުމެވެ. އެގޮތުން ރާއްޖޭގެ އާބާދީ ތިންލައްކަ ފަންސާސްހާށް އަރާއިރު ރާއްޖޭގައި ފުރަތަމަ މަރުޙަލާގައި މައްސަލަ ބަލާ 196 ކޯޓް ހުރެއެވެ. އާބާދީގެ ނިސްބަތުން ކޮންމެ އެއްހާސް ހަތްސަތޭކަ މީހަކަށް ކޯޓެއް ޤާއިމުކުރެވިފައިވެއެވެ.

ރާއްޖޭގެ ޝަރުޢީ ކޯޓްތަކަށް އަހަރެއްގެ ތެރޭގައި އެވަރެޖްކޮށް 15 ހާހާއި 20 ހާހާ ދެމެދުގެ ޢަދަދަކަށް މައްސަލަ ހުށައެޅެއެވެ. ތަފާސް ހިސާބުތަކަށް ބަލައި އަންދާޒާ ކުރެވޭ ގޮތުގައި ކޯޓްތަކަށް ހުށައެޅޭ މައްސަލަތަކުގ ތެރެއިން 88 އިންސައްތަ މައްސަލައަކީ 1 އަހަރު ވުމުގެ ކުރިން ޢަދުލު އިންސާފަށް ވާސިލުވާ މައްސަލަތަކެވެ.

"ޝަރުޢީ ވަފުދުތައް ފޮނުވައިގެން މެޖިސްޓްރޭޓް ކޯޓްތަކުގައި ނުނިމި ގިނަދުވަސް ވެފައިވާ މައްސަލަތައް ނިންމުމުގެ މަސައްކަތް ކޮށްފައިވޭ." ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރ ފައިސަލް އާދަމް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރު ޝަރުޢީ ކޯތްތަކުގެ ކޭސް ކްލިއަރެންސް ރޭޓް އުޅެނީ 103 އިންސައްތައިގައެވެ. އެހެންކަމުން ޝަރުޢީ ކޯޓްތަކުގައި މައްސަލަތައް ދިގުދެމިގެންދާދިއުން މިހާރުވަނީ އެތައް ތަނެއް ކުޑަ ކުރެވިފައެވެ.