ރިޕޯޓް

ޗައިނާ-ރާއްޖެ ގުޅުމަކީ އިންޑިއާއާއެކު އޮތް ގުޅުމަށް ހުރަހެއްނޫން!


ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދުގައި އޮންނަ ގުޅުމަކީ، ވަކި ފަރާތެއްގެ ފިކުރަކާ ގުޅިގެން ބަދަލު އަންނާނެ ގުޅުމެއް ނޫނެވެ. ދިވެހިރާއްޖެއިން ވަކި ޤައުމަކާ ގުޅުން ބަދަހިކުރުމަކީ އިންޑިއާއާއެކު އޮންނަ ގުޅުމަށް ބުރޫއަރާނެ ކަމެއްވެސް ނޫނެވެ. ޗައިނާއާއި ރާއްޖެއާއާ ދެމެދު އޮންނަ ގުޅުމާ ގުޅިގެން އިންޑިއާގެ ބައެއް ސިޔާސީ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ދެޤައުމުގެ ޚާރިޖީ ގުޅުމަކަށް މިކަމުން އަސަރެއް ނުކުރާނެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ އޭގެ 7 އަހަރު ފަހުން 14 އޮކްޓޯބަރ 1972 ގައެވެ. ސިޔާސީ ގުޅުން ޤާއިމުކުރިފަހުން އިންޑިއާއި ޗައިނާއަކީވެސް ދިވެހިރާއްޖޭގެ މުހިންމު ދެ އެކުވެރިންނެވެ. އޭޝިއާގެ ބޮޑު ދެ ޤައުމަށް އިންޑިއާއި ޗައިނާ ވުމާއި، ދިވެހިރާއްޖޭގެ ތަރައްޤީގައި އެދެޤައުމުން ދީފައިވާ އެހީތެރިކަމުގެ ސަބަބުންނެވެ. އަދި ދިވެހިންނަށް ދިމާވި އެންމެ ދަތި ޙާލަތްތަކުގައި ވެދިން އެހީގެ ސަބަބުންނެވެ. އިންޑިއާއަކީ ޒަމާނުންސުރެ ދިވެހިންނާއި އެންމެ އަވައްޓެރި އެންމެ ރަޙްމަތްތެރި ޤައުމެވެ.

1965 ވަނަ އަހަރު އިނގިރޭސީންގެ އަތުން ދިވެހިރާއްޖެ މިނިވަންވުމާއެކު، ދިވެހިރާއްޖެއަކީ މިނިވަންދައުލަތެއްގެ ގޮތުގައި އެންމެ ފުރަތަމަ ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ. ދިވެހިން މިނިވަން ވުމާއެކު އެކަން ފާހަގަކޮށް ޗައިނާއިން އުފާ ފާޅުކުރިއެވެ. އަދި ޗައިނާގެ ޗެއަރމަން (މިހާރުގެ ނަމުން ނަމަ ރައީސް) އަދި ޕްރައިމް މިނިސްޓަރ، ދިވެހިރާއްޖޭގެ ވަޒީރުލް އަޢުޒަމަށް ތަޙްނިޔާގެ މެސެޖްތައްވެސް ފޮނުވިއެވެ. އަދި ކޮޅުނބުގައި ދިވެހި ޑިޕްލޮމޭޓުންނާއި، ޗައިނާގެ ޑިޕްލޮމޭޓުން ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކާ ގުޅިގެން، އިންޑިއާގެ ބައެއް ސިޔާސީ ފަރާތަކާއި ނޫސްވެރިން ކަންބޮޑުވެ އެވާހަކަތައް ޝާއިޢުކޮށްފައިވެއެވެ. އެގޮތުން އިންޑިއާގެ ދަ ހިންދޫ ނޫހުގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގައި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުންތައް ބަދަހިވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވެއެވެ.

ރާއްޖެ މިއަދު ކުރިމަތިލަމުން މިދަނީ އިޤްތިޞާދީ ތަރައްޤީގެ މުޅިން އައު ޖީލަކާއެވެ. ޗައިނާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. އަދި ޗައިނާއަކީ ރާއްޖޭގެ އިޤްތިޞާދާއި ތަރައްޤީގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ދެޤައުމު ގުޅިގެން އިޤްތިޞާދީ މަސައްކަތްތަކެއް ކުރަމުންދާއިރު، އަދި އިތުރު ބިޔަ މަޝްރޫޢުތަކެއް ހިންގުމަށް ތައްޔާރުވަމުން އަންނައިރު ދެޤައުމުގެ އިސްވެރިންނާއި، ޑިޕްލޮމޭޓުންގެ ބައްދަލުވުންތައް މިދަނޑިވަޅުގައި މިވަނީ އިތުރުވެފައެވެ. އަދި އެއްބަސްވުންތަކެއްވެސް ދެޤައުމުގެ ދެމެދުގައި މިދަނީ ޤާއިމުކުރެވެމުންނެވެ. ޗައިނާއާދި ދިވެހިރާއްޖެއާއި ދެމެދުގައި ޤާއިމުކުރެވިފައިވާ ބަދަހި ގުޅުމުގެ ސަބަބުން، ދިވެހިންގެ އެކުވެރި ޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދުގައި ނުތަނަވަސްކަން އުފެއްދުމަށް، ބަޔަކު ކުރަމުންދާ މަސައްކަތަކެއްގެ ނަތީޖާއެއްގެގޮތުން، އަނެއްކާވެސް ދިވެހިރާއްޖެ-ޗައިނާ ގުޅުމާމެދު އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުން މިވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޤައުމުތަކުން ގުޅުންބަދަހިކުރާނެ ޤައުމުތައް ކަނޑައާޅީ އެޤައުމަކުން ކަމަށް ވުމުން، ވަކި ޤައުމަކާއެކު ގުޅުން ބަދަހިކުރުމަކީ އެހެން ޤައުމުތަކާ އޮންނަ ގުޅުމަށް ބުރޫއަރާނެ ކަމެއް ނޫނެވެ. ޗައިނާއާއި އިންޑިއާއާއި ދެމެދުގައި އޮންނަ ނުތަނަވަސްކަމަކީ، އިންޑިއާއި ޗައިނާއާއި ދެޤައުމާއެކު ރާއްޖެއިން ގުޅުން ބަދަހި ނުކުރެވެންވީ ސަބަބެއްނޫނެވެ. އިންޑިއާއި ދިވެހިރާއްޖެފަދަ ރަޙްމަތްތެރި، އުޚުއްވަތްތެރި ދެޤައުމުގެ ދެމެދުގައި ޤާއިމުވެފައި އޮންނަ ގުޅުމަށް އަމުދުން ބުރޫއަރަންވީ ސަބަބެއްނޫނެވެ. އިންޑިއާއާއި ދިވެހިރާއްޖެއަކީ، ޗައިނާގެ ސިލްކް ރޫޓްގެ މަޝްރޫޢުގެ ބައިވެރިން ކަމަށްވުން މިއީ މިކަމުގެ ހެއްކެކެވެ. ދިވެހި ނޫހެއްގައި ޝާއިޢުކުރާ ލިޔުމަކާ ގުޅިގެން، ސިޔާސީ ގޮތުން ބަޔަކު އިންޑިއާއި ރާއްޖެއާއި ދެމެދު ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، އިންޑިއާ ސަރުކާރުން ރާއްޖެއާމެދު ނުތަނަވަސްކަމެއް ނެތެވެ. ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގައި އަދިވެސް އެންމެ އިސްކަންދޭ ޤައުމަކީ އިންޑިއާއެވެ. "އިންޑިއާ ފަސްޓް" ޕޮލިސީ އަދިވެސް ދަނީ ތަންފީޛް ކުރެވެމުންނެވެ.

އިޤްތިޞާދީ ތަރައްޤީއަށް ކުރަމުންދާ މަސައްކަތަށް ޗައިނާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބެމުން ދިއުމަކީ، ރާއްޖެ-ޗައިނާ ގުޅުން އިތުރަށް ބަދަހިވަމުންދާ ސަބަބެވެ. ސިޔާސީ، އިޤްތިޞާދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއާއި ޗައިނާއިން ގެންގުޅެނީ ވަރަށް އެއްގޮތް ޚިޔާލުތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން އިޤްތިޞާދީ ތަރައްޤީއަށް ދޭ ޚާއްޞަ އަހަންމިއްޔަތުކަމަކީ، ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރުގެ ވިސްނުން އެއްގޮތްވެ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ލިބިގެންދިޔަ އިތުރު ބާރަކަށް ވެގެންދިޔައެވެ. ޗައިނާގެ ރައީސް ޝީ ޖިންގްޕިންގއަކީވެސް އިޤްތިޞާދީ ތަރައްޤީގެ ތަޖުރިބާކާރެކެވެ. އަދި އިޤްތިޞާދީ ތަރައްޤީއަކީ ޗައިނާއިންވެސް އެންމެ ބޮޑު އިސްކަމެއްދޭ ކަންތަކެވެ.

ޗައިނާއަކީ ބިމުގެ ގޮތުން މުއްސަނދި، ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރައިފައި އޮތް، އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން ބާރުގަދަ ޤައުމެކެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދެވެ. ޗައިނާއަކީ އދ. ގައި ވީޓޯކުރުމުގެ ޙައްޤު އޮންނަ ދުނިޔޭގެ ބޮޑު ބާރެކެވެ. އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރެކެވެ. އެހެންކަމުން ހުރިހާ ގޮތަކުންވެސް ބޮޑު، ބާރުގަދަ ޤައުމެއް ދިވެހީންނަށް ޤަދަރުކުރާ، ދިވެހީންގެ އެކުވެރިއެއްގެ ގޮތުގައި އޮތުމަކީ އަޅުގަނޑުމެންނަށް ފައިދާއެއް ނޫނީ ނުކުރާނެ ކަމެކެވެ. ޗައިނާފަދަ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙްތިރާމްކުރާ ޤައުމަކާއެކު މިހާ ގާތް ގުޅުމެއް އޮތުމަކީ އަމުދުން ދިވެހިންނަށް ލިބޭ އުފަލަކާއި ފަޚްރެކެވެ.