ޚަބަރު

ކ.އަތޮޅު ރައްޔިތުންނަށް މާލޭގެ ވެށިފާރަވެރިންނަށްވުމުގެ ފުރުޞަތު


މާލޭގެ ކުނި ނެގުމުގެ މަސައްކަތުގައި ޙަރަކާތްތެރިވުމުގެ ފުރުޞަތު ކ.އަތޮޅުގެ ރައްޔިތުންނަށް ވެމްކޯއިން ހުޅުވާލައިިފިއެވެ. ވެމްކޯގެ ވެށިފާރަވެރިންނަށް ވުމުގެ ފުރުޞަތު ހުޅުވާލަނީ، ކ.އަތޮޅުގެ ގުރައިދުއާއި، މާފުއްޓާއި، ގުޅިއާއި، ހިންމަފުއްޓާއި، ހުރައާއި، ތުލުސްދުއާއި ދިއްފުށީގެ ރައްޔިތުންނަށެވެ.  ވެމްކޯއިން މަޢުލޫމާތުދޭގޮތުގައި މި ރަށްތަކުން ވަޒީފާދޭ މީހުންނަށް އުޖޫރައިގެ ގޮތުގައި ހަތްހާސް ރުފިޔާގެ އިތުރުން، ކެއުމާއި ހުރުމުގެ އިންތިޒާމް އެކުންފުނިން ގުޅީފަޅުގައި ހަމަޖައްސައިދޭނެއެވެ.

ކ ގުރައިދުއާއި، މާފުށީގައި، އިންޓަވިއު ކުރިއަށްދާނީ މިމަހުގެ 25ވަނަ ދުވަހުއެވެ. ކ.ގުޅިއާއި ހިންމަފުށީގައި އިންޓަވިިއު ކުރިއަށްދާނީ މިމަހުގެ 26 ވަނަ ދުވަހު، މީގެއިތުރުން ކ ހުރައާއި ތުލުސްދުއާއި ދިއްފުށީގައި އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27ވަނަ ދުވަހުއެވެ. މިއިން ކޮންމެ ރަށެއްގަވެސް އިންޓަވިއުތައް ކުރިއަށްދާނީ އެރަށެއްގެ ކައުންސިލް އިދާރާގައެވެ. 

ވެމްކޯގެ ޢަމާޒަކީ، ވެމްކޯގައި މަސައްކަތްކުރާ މީހުންނަކީ ސައްތައިން ސައްތަ ދިވެހިންނަށް ހެދުމެވެ. އެގޮތުން މިހާރުވެސް ވެމްކޯގެ ވެށިފާރަވެރިންގެ ގޮތުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ މީހުންގެ 80 އިންސައްތައަކީ ދިވެހިންނެވެ.